ޚަބަރު
އެމްއެމްސީ ބައިއިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އޮފީސް
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ބައި އިލެކްޝަން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީ ވުމުގެ މުއްދަތު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، މެއި 4 ވަނަ ދުވަހުގެ 13:30 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
ރަޖިސްޓްރީވުމަށް ހުށަހަޅަންޖެހޭ ފޯމް ފޯމާއެކު އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.
އެމްއެމްސީގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްއޫލުވެރިޔާއަށް ނުވަތަ މަސްއޫލުވެރިޔާ ތަމްޘީލް ކުރާ މީހަކަށެވެ. ވޯޓުލުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެއް މީޑީއާ އަށްވުރެ ގިނަ މީޑީއާ ތަމްސީލް ނުކުރެވޭނެކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.
ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ބަލައިގަންނާނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން 13:30 އަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓަރ) ގެ ރިސެޕްޝަނުންނެވެ. މީގެއިތުރުން، އެ މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެވެ. ހުށަހަޅާ ހުރިހާ ލިޔެކިއުމެއްވެސް ހުންނަންވާނީ ޕީޑީއެފް ފޯމެޓްގައިކަމަށްވެސް ބުނެފައިވެއެވެ.