ޚަބަރު
ހުރިހާ މޮޅެއް އޮންނާނީ އިސްލާމްދީނުގައި، އެހެންބަޔަކު އުޅޭ ގޮތަކަށް އުޅެގެން ލިބޭނެ އުފަލެއް ނޯންނާނެ:ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އުފާވެރިކަމުގެ ވަގުތު ހޭދަކުރަންޖެހޭނީ އިސްލާމްދީނުގައި އޮންނަ މިންގަނޑުގެ ތެރެއިން ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ ބޭރު ޤައުމުތަކުގައި ތިބޭއިރު ދިވެހީންގެ އަސްލާއި އައިޑެންޓިޓީ ހަނދާންކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ބައެއް ފަހަރު އެ އޮންނަ މުޖުތަމަޢުގެ ސަބަބުން ދީނީ ކަންކަން ދޫކޮށްލެވޭ ފަހަރު އަންނަ ކަމަށާއި، ނަމަވެސް އަބަދުވެސް މާތްވެގެންވާ އިސްލާމްދީނުގެ މަތީ ތިބޭ ބައެއްކަން ހަނދާންކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
"ހަމަ ޔަޤީނުން ވެސް ހުރިހާ މޮޅެއް އޮންނާނީ އިސްލާމްދީނުގައި، ހުރިހާ ކާމިޔާބާއި ފަލާހެއް ވެސް. އެހެންބަޔަކު އުޅޭ ގޮތަކަށް އުޅެގެން ލިބޭނެ އުފަލެއް ވެސް މޮޅެއް ވެސް ނޯންނާނެ. އުފާވެރިކަމާއެކު އެކުގައި ވަގުތުތައް ވެސް ހޭދަކުރަންޖެހޭނެ އެހެންނަމަވެސް އެކަންކަން ކުރަންޖެހޭނީ އިސްލާމްދީނުގައި އޮންނަ މިންގަނޑުގެ ތެރެއިން،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް އަލިއަޅުވާލެއްވީ ކޮންމެ މީހަކު ވެސް ކިޔަވައިގެން އަމިއްލަ ނަފްސަށާއި މައިންބަފައިންނަށް ރީތި ނަން ހޯދައިދިނުމުގެ މުހިންމުކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން އެއްބައިވަންތަކަމާއެކު އުޅުމަށް ގޮވާލައްވައި، އެ އެއްބައިވަންތަކަމާއި އެކުވެރިކަން ނެތްނަމަ ވަރަށް ނިކަމެތިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ ކޮންމެ ޤައުމެއްގައި ދިވެހިން އުޅުނު ނަމަވެސް، ހުރިހާ ދިވެހީންނަށް ހަމަހަމަކަމާއެކު ޚިދުމަތްދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއްކަމަށާއި އަދި އެކަން ކުރައްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވުނީ ރައީސް މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ މެލޭޝިއާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާފައެވެ.