ޚަބަރު
މެލޭޝިއާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ޖަމިއްޔާ އިފްތިތާޙުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މެލޭޝިއާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ޖަމިއްޔާ (ސްޓޫޑެންޓް އެސޯސިއޭޝަން) އިފްތިތާޙުކޮށްފިއެވެ.
މި ޖަމިއްޔާ އިފްތިތާޙުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ މެލޭޝިއާގައި ޤާއިމްކުރި ސްޓޫޑަންޓް އެސޯސިއޭޝަންގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް އެ ޤައުމުގައި ތަޢުލީމު ހާސިލްކުރަމުންދާ ކުއްޖަކާ ހަވާލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައިި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަޢުލީމު ހާސިލްކުރުމަށް ވަރަށް ގިނަ ދިވެހި ރައްޔިތުން މެލޭޝިއާގައި ދިރިއުޅުއްވަމުންދާ ކަމަށެވެ. އެހެންކަމުން، ދިވެހީންނަށް އަމާޒުކޮށް އެތަނުގެ އެމްްބަސީން ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ކިޔަވާ ކުދިންގެ ޖަމިއްޔާ ރަސްމީކޮށް އުފެދިފައިވާއިރު އެ ޖަމިއްޔާއަކީ ވަރަށް ބޭނުންތެރި ޖަމިއްޔާއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެމަނިކުފާނު މީގެ ކުރިން އިނގިރޭސިވިލާތުގައި ކިޔެވިއިރު އެފަދަ ޖަމިއްޔާއެއްގައި އުޅުއްވާފައި ހުރުމުން އޭގެ މުހިންމުކަން ދަންނަކަމަށެވެ. އަދި ދަރިވަރުން ތަމްސީލުކުރާނެ މުއައްސަސާއެއް އޮތުމުން އޭގެ ފައިދާ ކިޔަވާ ކުދިންނަށް ވަރަށް ބޮޑަށް ކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މިއަދު އިފްތިތާޙުކޮށްފައިވާ މި ޖަމިއްޔާއަށް ސަރުކާރުގެ ބަޖެޓްގެ ތެރެއިން 3000 ޑޮލަރަށްވާވަރަށް މެލޭޝިއާ ރިންގެޓް ޖަމާކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މެލޭޝިއާގަައި ތަޢުލީމް ހާސިލްކުރަމުންދާ ކިޔަވާ ކުދިންގެ ފަރާތުން ހުށައަޅުއްވާފައިވާ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވާދެއްވާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. ހަމަ އެހެންމެ، ބޭރު ޤައުމުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.