ވިޔަފާރި / ޚަބަރު
މެލޭޝިއާ މޯލްޑިވްސް ބިޒްނަސް ފޯރަމް ފަށައިފި

މެލޭޝިއާ މޯލްޑިވްސް ބިޒްނަސް ފޯރަމް ފެށުން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރައްވަމުންދާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި މިއަދު މެލޭޝިއާ މޯލްޑިވްސް ބިޒްނަސް ފޯރަމް ފައްޓަވައިދެއްވައިފިއެވެ. މި ފޯރަމްގައި މެލޭޝިއާގެ ބޮޑުވަޒީރު ޑަޓުކް ސެރީ އަންވަރު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދެ ޤައުމުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ފޯރަމްގައި ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިންވެސްޓްމަންޓް ފުރުޞަތުތައް އިތުރުކުރުމުގެ މަޝްވަރާތައް ކުރެވުނެވެ. މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ދާއިރާތަކުގައި މެލޭޝިއާގެ އިންވެސްޓަރުންނަށް ގިނަ ފުރުޞަތުތަކެއް ހުޅުވިފައިވާ ކަމަށެވެ.
ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކާއި، ވިޔަފާރީގެ ދާއިރާއާއި، މާލީ ޚިދުމަތްތަކާއި، ކަނޑުގެ އިޤްތިޞާދާއި، ޑިޖިޓަލް އިޤްތިޞާދުގެ ދާއިރާތަކުގައި މެލޭޝިއާގެ އިންވެސްޓަރުންނަށް ވަރަށް ގިނަ ފުރުޞަތުތަކެއް ދިވެހިރާއްޖޭގައި ހުޅުވިފައިވޭ
ރައީސް މުޢިއްޒު
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމެއް މެލޭޝިޔާގައި ބޭއްވިގެން ދިއުމަކީ ދެ ޤައުމުގެ ދެމެދު ވިޔަފާރީ ގުޅުންތައް ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށެވެ. އަދި މީގެ ސަބަބުން ދެ ޤައުމުގައިވެސް އިންވެސްޓް ކުރެވެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ދެ ޤައުމުގެ ވިޔަފާރިވެރިންނަށް ފަހިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މެލޭޝިޔާގެ މިނިސްޓަރ އޮފް އިންވެސްޓްމެންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ ޓެންކޫ ޒަފްރޫ ޢަބްދުލްޢަޒީޒް ވަނީ މިއީ ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފޯރަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޓެންކޫ ވިދާޅުވީ ރާއްޖެއާއި މެލޭޝިޔާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް 2024 ވަނަ އަހަރު އޭގެ ކުރީ އަހަރަށްވުރެ 4 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން މި ފޯރަމާއެކު ވިޔަފާރީގެ މުޢާމަލާތްތައް އަދިވެސް އިތުރުވެ، ދެ ޤައުމުގެ ވިޔަފާރިވެރިންނަށްވެސް އަނެއް ޤައުމުގައި ހުރި ވިޔަފާރީގެ ފުރުޞަތުތައް ދެނެގަތުމުގެ މަގު ފަހިވާނެކަން މެލޭޝިޔާގެ އިންވެސްޓްމެންޓާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
މި ފޯރަމްގައި ހާމަކުރެވުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ކުރެވުނު ވިޔަފާރި 4.3 އިންސައްތަ އިތުރުވެ، 862.7 މިލިއަން ރިންގިޓް (189 މިލިއަން އެމެރިކާ ޑޮލަރު) އަށް އަރާފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.