ޚަބަރު
ޑިމާންޑުތައް އަޑުއައްސަވާ، އެއާ އެއްގޮތަށް ޢަމަލުކުރައްވަމުންދާތީ ޒުވާނުންގެ ޝުކުރު ރައީސް މުޢިއްޒުއަށް!

ރައީސް ޒުވާނުންތަކަކާ އެކު/ފޮޓޯ: އެޑިޝަން އެމްވީ
ޑިމާންޑުތައް އަޑު އައްސަވާ، އެއާ އެއްގޮތަށް މަޑުމަޑުން ޢަމަލުކުރައްވަމުންދާތީ ޒުވާނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވައިފިއެވެ.
ޒުވާނުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައިވަނީ، މީސް މީޑިއާއަށް ދެ ޒުވާނަކު ދޫކޮށްލާފައިވާ ވީޑިއޯ މެސެޖެއްގައި ދެއްކި ވާހަކައިގައެވެ.
މި ދެ ޒުވާނުންނަކީ، މިމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ޒުވާން އަންހެންކުއްޖަކު ވެއްޓުނު ހާދިސާއާއި ގުޅިގެން، ގިނަ އަދަދެއްގެ ޒުވާނުން އިންސާފު ހޯދައިދީ، ރަނގަޅު ތަހުގީގެއް ކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާގެ އިސް ސަފުގައި ޙަރަކާތްތެރިވާ ބައެކެވެ.
މި މެސެޖުގައި އެމީހުން ވަނީ، މިކަމާއި ގުޅިގެން ކުރިއަށްދާ މި މުޒާހަރާތަކަކީ، އެއްވެސް ޙާލެއްގައި ސިިޔާސީ ކަމަކާއި ގުޅިގެން ނުވަތަ ސިޔާސީ ޕާޓީއަކުން ހިންގާ ކަމެއް ނޫންކަމަށް ބުނެފައެވެ. އަދި މިކަމަކީ، ރާއްޖޭގެ އެކި ތަންތަނުގައި މަސައްކަތްކުރާ ޒުވާނުން ނިކުމެ އިންސާފަށްޓަކައި ކުރާ މުޒާހަރާއެއްކަމަށް އޭނާ ވަނީ ބުނެފައެވެ. ހަމަ އެހެންމެ، މި މުޒާހަރާތަކުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ޕޮލިހުންނާއި އެކިއެކި މުއައްސަސާތައް ޖަވާބުދާރީކުރުވުން ކަމަށް އެ ޒުވާނާ ވަނީ ބުނެފައެވެ.
މީގެ އިިތުރުން މި ޒުވާނާ ބުނެފައިވަނީ، މި މުޒާހަރާތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ވަރަށް ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މި ހުރިހާ ކަަމަކާއި ކުރިމަތިލަމުން، ސިޔާސީ އެއްވެސް ނުފޫޒެއްގައި ނުޖެހި މިކަންތައް ކުރިއަށް ގެންދާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ހަމަ އެހެންމެ، މިކަމަކީ ގިނަ ޒުވާނުންތަކެއްގެ އިސްނެގުމުގެމަތިން ކުރާ ކަމެއްކަން ފާހަގަކުރަމުން އޭނާ ވަނީ މިކަމުގައި ވަރަށް ގިނަ ޕްރެޝަރުތަކެއް އަންނަކަން ވެސް ފާހަގަކޮށްފައެވެ.
މި ދެ ޒުވާނުންގެ މެސެޖު ނިންމާލުމުގެ ކުރިން ވަނީ ރާއްޖޭގެ އަދުގެ ރައީސް ޑރ. މުޢިއްޒުއަށް ޝުކުރު އަދާކުރަން ބޭނުންވާކަމަށް ބުނެފައެވެ. އަދި ޒުވާނުންގެ ޑިމާންޑުތައް ރައީސް މަޑުމަޑުން ކޮށްދޭކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މި މައްސަލަ ތަހުޤީޤު ކުރުމަށްޓަކައި، ޒުވާނުންގެ ޑިމާންޑާއި އެއްގޮތަށް ޚާއްޞަ ކޮމިޝަނެއް ރައީސް އުފައްދަވާފައިވާކަން އެ ޒުވާނުން ވަނީ ފާހަގަކޮށްފައެވެ. އަދި މި ކޮމިޝަނަކީ ރައްޔިތުންނަށް އިތުބާރުކުރެވޭ ފަދަ ކޮމިޝަނަކަށްވުމަށް ވަނީ އެދިފައެވެ.
މި މެސެޖުގައި ޒުވާނުން ވަނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒުވާނުންގެ ވާހަކަތައް އަޑުއައްސަވާ، އެއަށް ޢަމަލުކުރަމުން ދާތީީ އެކަމަށް ޝުކުރު ދަންނަވާފައެވެ. އަދި މި މުޒާހަރާތަކަކީ އެއްވެސް ސިޔާސީ ފަރާތެއް ނުވަތަ، އޮންލައިން ފަރާތެއްގެ އެޖެންޑާއަކަށް ހިނގާ ކަންތައްތަކެއް ނޫންކަން ފާހަގަކުރައްވަމުން މި ޒުވާނުން ވަނީ، މިއީ ރާއްޖޭގެ ސިސްޓަމް ރަނގަޅުކުރުމަށް ކުރިއަށްދާ ޙަރަކާތެއްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ރާއްޖޭގައި އިންސާފު ހޯދަން ބޭނުންވާ ސިސްޓަމް ފެއިލްވެފައިވާކަން ފާހަގަކުރައްވަމުން ޒުވާނުން ވަނީ، މިިއީ ހަމައެކަނި މި ސަރުކާރުގެ މައްސަލައެއް ނޫންކަމަށް ބުނެފައެވެ. އަދި މިއީ "ޖެނަރޭޝަންސް އޮފް ޖެނެރޭޝަންސް" ގެ ފެއިލްވުމެއްކަމަށް ޒުވާނުން ވަނީ ބުނެފައެވެ. އެހެންކަމުން، އުންމީދަކީ ޒުވާނުންތަކެއް އަޑު އުފުލާ، ރާއްޖޭގެ މި ސިސްޓަމް ރަނގަޅުކުރުން ކަމަށް އެމީހުން ވަނީ ބުނެފައެވެ.