ޚަބަރު
މުލީ އެއަރޕޯޓު ތަރައްޤީކުރުމަށް ފަހު އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވާލަނީ

މ. މުލީގައި ތަރައްޤީކުރި އެއަރޕޯޓުގައި ޓެސްޓު ފްލައިޓް ޖެއްސުން
މ. މުލީ އެއަރޕޯޓު ތަރައްޤީކުރުމަށްފަހު މި ހަފްތާގެ ބުރާސްފަތި ދުވަހު އެ އެއާރޕޯޓު ރަސްމީކޮށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.
މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވާދެއްވާ، ދަތުރުތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއަރޕޯޓުގެ މަސައްކަތްތައް ނިންމާލުމަށްފަހު، އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. ޓެސްޓު ފްލައިޓު ޖެއްސުމުގެ މަރުޙަލާގައި އެ ރަށު އެއަރޕޯޓަށް ޖައްސާފައިވަނީ، ޤައުމީ އެއަރލައިން ޑޭޝް-8 މަރުކާގެ ބޯޓެކެވެ. ޓެސްޓު ދަތުރަކީ އެއަރޕޯޓުގެ ކޮމާޝަލް ދަތުރުތައް ފެށުމުގެ ކުރިން މުހިންމު އެސެސްމެންޓުތައް ނިންމުމަށް ކުރިއަށް ގެންދާ މަރުޙަލާއެކެވެ. މުލީ އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. މި އެއަރޕޯޓްގެ މަޝްރޫޢުއަކީ 221 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވަނީ 2021 ވަނަ އަހަރުއެވެ.
މި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޓީސީސީން ވަނީ 14 ހެކްޓަރުގެ ބިން ހިއްކައިފައެވެ. އަދި 1812 މީޓަރު ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، 1200 މީޓަރު ދިގުމިނުގެ އަދި 30 މީޓަރު ފުޅާމިނުގެ ރަންވޭއެއް ވެސް ވަނީ ޤާއިމްކޮށްފައެވެ. ހަމަ އެހެންމެ މި މަޝްރޫޢުގެ ދަށުން ޓެކްސީވޭއަކާއި އޭޕްރަންއެއް ވެސް ޤާއިމްކޮށްފައިވާކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، އެއަރޕޯޓަށް ބޭނުންވާނެ އެހެނިހެން ތަންތަން ވެސް ވަނީ ތަރައްޤީކޮށްފައެވެ.
މ. މުލީ އެއަރޕޯޓުގެ މަސައްކަތްތައް ހަލުވިކަމާއި އެކު ކުރިއަށް ގެންގޮސް ނިންމަވާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެކެވެ.