ޚަބަރު
ރަސްމާލެ ތަރައްގީކުރުމަށް ފުށިދިއްގަރުފަޅުން 101 ހެކްޓަރުގެ ބިން ހިއްކައިފި

ފުށިދިއްގަރު. ފޮޓޯ: އެޗްޑީސީ
މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ، ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއްގެ ބިން ހިއްކައި ނިންމައިފިކަމަށް އެޕްރޮޖެކްޓް ހިންގާ ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަޜޭޝަނުން ބުނެފިއެވެ.
އެކޯޕަރޭޝަނުން ބުނީ މާލޭ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެ ތަރައްގީކުރުމަށް ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކާނެކަމަށެވެ.
އެގޮތުން، އެ މަޝްރޫއުގެ ދަށުން، އޭޕްރީލް 13، 2025 ގެ ނިޔަލަށް ޖުމްލަ 101 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިއްކި ސައިޓް J ގެ 29 ހެކްޓަރުގެ ބިމާއި، މޯހަން މުތާ އެކްސްޕޯރޓްސް ޕްރައިވެޓް ލިމިޑެޑާ ހަވާލުކޮށްފައިވާ ސައިޓް D,F,G,L ގެ ޖުމްލަ 378 ހެކްޓަރުގެ ތެރެއިން، 72 ހެކްޓަރުގެ ބިމެވެ. މިހާރު ހިއްކިފައިވާ 101 ހެކްޓަރުގެ ބިމަކީ، ހުޅުމާލޭ އެއްވަނަ ފިޔަވަހީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެއްކަަމަށްވެސް އެޗްޑީސީ އިން ބުނެއެވެ.
ބިން ހިއްކުމުގެ މަޝްރޫއުއާއެކު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށުމަށް މިހާރު އަންނަނީ އެޗްޑީސީ އިން އަންނަނީ ތައްޔާރުވަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރ އުސްމިނަށް ކަމަށްވެސް އެޗްޑީސީ އިންބުނެއެވެ. މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރ އުސްކޮށް ހިއްކޭ ރަށެކެވެ. މި ރަށުގައި އަންދާޒާ ކުރެވޭގޮތުން 240،000 އަށްވުރެ ގިނަ އާބާދީއެއް ގާއިމްކުރެވިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
މީގެއިތުރުން އެޗްޑީސީ އިން ބުނީ އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުކަމަށެވެ.
މިގޮތުން މިއީ ބިމުގެ ބޮޑު މިނަށް ބަލާނަމަ ހުޅުމާލެ ފޭސް 2 ހިމެނޭހެން، މިއަދު މިއޮތް ހުޅުމާލޭގެ ތިންގުނަ ބޮޑު ސިޓީއެކެވެ. މި މަޝްރޫއު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރެވިގެންދާނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތައް ވެސް ހިމަނައިގެންކަމަށް އެޗްޑީސީ އިން ބުނެއެވެ.