ޚަބަރު
ޤައުމުގެ ހަމަޖެހުމާއި އިންސާފު ޤާއިމް ކުރުން ވަރަށް މުހިންމު: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް މުޢިއްޒު
ޤައުމުގެ ހަމަޖެހުމާއި ޤައުމުގައި އިންސާފު ޤާއިމްކުރުން ވަރަށް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު މެލޭޝިޔާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވައި ދެއްކެވި ވާހަކަފުޅުގައެެވެ.
ޒުވާން އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް މައްސަލައާއި ގުޅިގެން ޤައުމުގެ ހަލަބޮލި ވެފައި އޮތް މިދަނޑިވަޅުގައި ރައީސް ވިދާޅުވެފައިވަނީ އެމަނިކުފާނަށް ޤައުމުގެ ހަމަޖެހުން ވަރަށް މުހިންމު ކަމަށެވެ. އަދި ޤައުމުގައި އިންސާފާއި ޢަދާލަތު ޤާއިމްވެފައި އޮތުން އެމަނިކުފާނަށް ވަރަށް މުހިންމު ކަމަށްވެސް ވިދާޅުވިއެެވެ.
“ޢަދުލުވެރިކަން އަޅުގަނޑަށް ވަރަށް މުހިންމު ކޮންމެކަމެއްގައިވެސް، އެއީ ކޮންމެހެން ހާދިސާއެއް ހިނގައިގެން ދިޔާމައެއްނޫން، ހުރިހާ ދާއިރާއެއްގަވެސް، އެހެންވީމަ އެ ޖަސްޓިސްއާ ރޫލް އޮފް ލޯ އާ ޕީސް އާ ސްޓެބިލިޓީއާ ހުރިހާ ކަމެއް ހުރިހާ ވަގުތެއްގައި ވެސް އޮންނަން އެީ އަޅުގަނޑު ބޭނުންވާގޮތް” ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންސާފު ޤާއިމްކުުރުމުގައި އެމަނުކުފާނަށް ހުރަހަކަށް ވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް އަދި މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުވެސް އެމަނިކުފާނު ވިދާޅުވިފަދައިން އެމަނިކުފާނުގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަަމުގެ ޔަޤީންކަން ރައީސް މުއިއްޒު މިއަދުވެސް ވަނީ ދެއްވައިފައެވެ.
“އަޅުގަނޑު ޖަވާބުދާރީވާން ޖެހޭނީ ހަމައެކަނި ރައްޔިތުންނަށޭ، އަޅުގަނޑަކީ ރައްޔިތުންގެ ޚާދިމެކޭ، ރައްޔިތުންނޭ އަޅުގަނޑު އިންތިޚާބު ކުރުމަށް ވޯޓުލީ ރައްޔިތުންނޭ އަޅުގަނޑު ހޮވާފަ މިހުރީ،، އެހެންވީމަ އަޅުގަނޑަކަށް މުހިންމެއް ނުވާނެ އެއްވެސް ފަރާތެއް ހިމާޔަތްކުރުމެއް، ނޫނީ އެއްވެސް މީހެއްދެކެ ކަންބޮޑުވެގެން ބިރުން އިންސާފު ޤާއިމްކުރުން ނުވަތަ ޢަދުލުވެރިކަން ޤާއިމްނުކުރުމެއް ނޯންނާނެ” ރަޢީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ މުޢިއްޒު ވިދާޅުވީ މިއަދާއި ހަމައަށް އައިރުވެސް ސަރުކާރުގެ ތެރެއިން އަޅަން ޖެހުނު ފިޔަވަޅެއްނަމަ އެފިޔަވަޅެއް އޮންނާނީ އަޅުއްވައިފައިކަމަށެވެ. ރައީސް ވިދާޅުވީ ޤައުމުގެ މުސްތަޤްބަލަށްޓަކައި، ޤައުމުގެ ހައްޤުގައި ނަގަން ޖެހުނު ކޮންމެ ޑިސިޝަނެއް ނަންގަވާނެ ކަމަށާއި އެމަނިކުފާނަށް މުހިންމީ ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރާއި އެމަނިކުފާނު ކުރައްވައިގެން ހުންނެވި ހުވާގެ މަތީގައި ކުރިއަށްދިއުންކަމަށާއި ހިނގައިގެން މިއުޅޭ ކަންތަކުގައިވެސް އެކަން އޮންނާނީ އެގޮތައް ކަމަށެވެ.