ޚަބަރު
ހިމާޔަތްކޮށްފައިވާ ނެލިވަރު ފިނޮޅަށް ގަވާއިދާ ޚިލާފަށް އެރުމުން ސޮނެވާފުށި 4 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ސޮނެވާ ފުށި ފޮޓޯ:އިންޓަނެޓް
ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ ނެލިވަރު ފިނޮޅަށް ގަވާއިދާ ޚިލާފަށް އަރައި، މަނާ ޢަމަލުތަކެއް ހިންގުމުގެ ސަބަބުން ސޮނެވާފުށި ރިސޯޓް 448،375 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު ބ. ނެލިވަރު ފިނޮޅަށް ގަވާއިދާ ޚިލާފަށް ވަދެ، އެތަނުގައި މަނާ ޢަމަލުތަކެއް ހިންގާފައިވެއެވެ.
އީޕީއޭއިން ވިދާޅުވީ މި މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީހާއި ދިވެހި ފުލުހުންގެ ޚިދުމަތުން ހިއްސާކޮށްފައިވާ ހާދިސާ ރިޕޯޓަށް ބަލައި، މި ފަރާތަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އީޕީއޭއިން ފާހަގަކުރެއްވި ގޮތުގައި، ސޮނެވާފުށީގެ މުވައްޒަފުންނާއި ފަތުރުވެރިން އެ ސަރަހައްދުގައި ކުރުން މަނާ ކަންކަމުގެ ތެރޭގައި ރޭގަނޑު އަލިވާގޮތަށް އެ ސަރަހައްދު ދިއްލުމާއި، އެތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާ ގޮތަށް އަޑުގަދަކުރުމާއި، އަލިފާން ރޯކުރުން ހިމެނެއެވެ.
އަދި ބަޔޯސްފިއާ ރިޒާވް އޮފީހުގެ މަންދޫބުންނާއި ފުލުހުން އެ ސަރަހައްދު ދޫކޮށް ދިޔުމަށް އެންގުމުންވެސް، ސޮނެވާފުށީގެ މުވައްޒަފުން އެއްބާރުލުން ނުދީ، އެމީހުން ރާވާފައިވާ ހުރިހާ ކަމެއް ނިންމުމަށްފަހު އެތަނުން ދިޔަކަން އީޕީއޭއިން ފާހަގަކުރެއްވިއެވެ.
އީޕީއޭއިން ވިދާޅުވީ މި ޢަމަލުތަކަކީ ގުދުރަތީ ނުވަތަ ތަބީޢީ ގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ. އެހެންކަމުން، ސޮނެވާފުށި ރިސޯޓު 448،375 ރުފިޔާއިން ޖޫރިމަނާކޮށް، މިދިޔަ ބުދަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަންގާފައިވާ ކަމަށް އީޕީއޭއިން މަޢުލޫމާތު ދެއްވިއެވެ.
ބ. އަތޮޅު ނެލިވަރަކީ އެންމަޑީގެ ބޮޑު އާބާދީއެއް އޮންނަ ސަރަހައްދެއް ކަމަށްވާއިރު، މި ފިނޮޅު ހިމާޔަތްކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. ނެލިވަރު ސަރަހައްދަކީ ބ. ކުންފުނަދޫގެ އުތުރަށް އޮންނަ، ރެކޯޑު އަދަދަކަށް ޕްލާންކްޓަންސް އާއި އެންމަޑި އެއްވާ ސަރަހައްދެކެވެ.