ޚަބަރު
ޑޮކްޓަރ ދެއްކުމަށް އޮންނަ ކިޔު ކުޑަކުރުމަށް އައިޖީއެމްއއެޗްގެ އޯޕީޑީގެ ޚިދުމަތްތައް ހަވީރު ދިނުމަށް ތައްޔާރީތައް ވަނީ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ފޮޓޯ: ދަޕްރެސް
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިޔު ކުޑަކުރުމަށް އެ ހޮސްޕިޓަލްގެ އޯޕީޑީގެ ޚިދުމަތްތައް ހަވީރު ދިނުމަށް ތައްޔާރީތައް ވަމުންދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
“އަހާށޭ ބުނާނަން” ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ނާޡިމް ވިދާޅުވީ ހޮސްޕިޓަލުގައި ޑޮކްޓަރަށް ދެއްކުމުގެ ކިޔު ބޮޑުވުމަށް ދިމާވާ މައިގަނޑު ސަބަބަކީ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި އެކަށީގެންވާ ޖާގަ ނެތުންކަމަށެވެ. އެގޮތުން ބައެއް އޮޕަރޭޝަންތައް ލަސްކުރަންޖެހެނީ ތިއޭޓަރުގައި ޖާގަ ނުވަތަ ބެޑު ނެތިގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިވަގުތުވެސް 75 އެނދު އައިޖީއެމްއެޗަށް އިތުރުކުރުމުގެ މަޝްރޫއު ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޑޮކްޓަރުންނާއި މަޝްވަރާކުރައްވައިގެންވެސް ކިޔު ކުޑަކުރެވޭނެގޮތްތައް ހޯދަމުން އަންނަކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ އޯޕީޑީގެ ޚިދުމަތް ހަވީރު ގަޑީގައި ދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ފަހުން އައިޖީއެމްއެޗްގެ ސީނިއަރ ޑޮކްޓަރުންގެ ޓީމާ ބައްދަލުކޮށް ކިއު ކުޑަކުރެވޭނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އޮޅުންފިލުވައި ހެދިން. ހަތަރު ފަސް ޑިޕާޓުމަންޓެއްގައި އެބަހުރިވަރަށް ބޮޑު ކިއުއެއް. ނަމަވެސް ބައެއް ޑިޕާޓުމަންޓުތަކުގައި އެއްގޮތަކަށްވެސް ކިއުއެއް ނެތް. އެހެންކަމުން މިކަން ހައްލުކުރުމަށް އަޅުގަނޑުމެން ކުރަމުން އަންނަ އެއް މަސައްކަތަކީ، މިހާރު މަޝްވަރާކުރަމުން މިދަނީ އިވްނިންް، ހަވީރު ގަޑީގައި އައިޖީއެމްއެޗްގެ އޯޕީޑީ ގެންދެވިދާނެގޮތެއް ހޯދުމުގެ މަޝްވަރާތައް އަޅުގަނޑުމެން ކަމާގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދަން. އެއީ މުސާރާއިގެ އިތުރުން އިތުރު އެލަވަންސްވެސް ދީގެން ކުރެވޭނެކަމެއް. އެހެންވީމަ އެ މަޝްވަރާތައް ނިމިގެން އަޅުގަނޑުމެންނަށް އިތުރު ގޮތްތަކެއް ހޯދޭނެ." ޞިއްޙީ ވަޒީރު ވިދާޅުވިއެވެ.
އައިޖީއެމްއެޗްގައި މިހާރު އޯޕީޑީގެ ޚިދުމަތް ދެނީ ހެނދުނު އެކަންޏެވެ.
ކިޔުތައް ކުޑަކުރުމަށް ވަރަށް ގިނަ ކަންކަން ކުރަންއެބަހުރިކަމަށާއި، އެގޮތުން ވަސީލަތާއި ޑޮކްޓަރުން އިތުރުކުރުމާއި، ޑޮކްޓަރުން އިތުރަށް މަސައްކަތްކުރުމުން އެލަވެންސް ދިނުމުގެ ނިޒާމް ޤާއިމްކުރުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަން ކުރެވޭނަމަ މިހާރަށްވުރެ ކިޔު ކުޑަކުރެވޭނެކަމަށާއި، އެކަމުގައި ކުރިއެރުންތަކެއް ހޯދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ކިޔު ކުޑަކުރުމަށް ސަރުކާރުން ކުރާ އެންމެ މުހިންމު އެއް މަސައްކަތަކީ އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ރަނގަޅުކުރުންކަމަށާއި، އެގޮތުން މިހާރުހުރި ހުރިހާ ރީޖަނަލް ހޮސްޕިޓަކުތަކުގައި ސަބް ސްޕެޝަލިސްޓުންގެ ޚިދުމަތް ފުޅާކުރުންވެސް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.