ޚަބަރު
ފުރާޅަށް ވެއްޓުނު އަންހެން ކުއްޖާގެ މައްސަލައިގައި އިދާރާތަކުން ކަންކުރާގޮތް އެޗްއާރްސީއެމުން ތަހުޤީޤުކުރަނީ

އެޗްއާރްސީއެމްގެ އޮފީސް. ފޮޓޯ: ރާއްޖެ އެމްވީ
ފުރާޅަށް ވެއްޓުނު އަންެހެން ކުއްޖާގެ މައްސަލާގައި އިދާރާތަކުން ކަންކުރާގޮތް ހިޔުމަން ރައިޓްސް ކޮމިޝަނުން ތަހުޤީޤު ކުރަމުންދާނެ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ތަޙުޤީޤުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް ބުނެ އަދި މި މައްސަލައިގައި ޝާމިލްވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމަށް ތުހުމަތުކޮށް މައްސަލައިގެ ތަޙުޤީޤަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާތީ އެކަންކަމަށް ރިއާޔަތް ކުރާނެ ކަމަށެވެ.
އެޗްއާރުސީއެމްގެ ސަމާލުކަށް އެހާދިސާ އައުމާއެކު އަނިޔާވެފައިވާ އަންހެން މީހާގެ އާއިލާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވާނެ ކަމަށާއި އާއިލާގެ ފަރާތުން މައުލޫމާތު ލިބިފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި އާއިލާގެ ފަރާތުން ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާމެދުވެސް ކަންބޮޑުވުން ހިއްސާކޮށްފައިވާކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.
ޖިނާއީ ތަހުޤީގެއްގެ ފުރަތަމަ މަރުހަލާގައި އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތް ކުރަމުންދާ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަޙްޤީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމަށް އެޗްއާރުސީއެމުން ފާހަގަކުރެއެެވެ.
އެގޮތުން، މިދިޔަ ހޯމަ ދުވަހާއި މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައްސަލައިގައި އަނިޔާވި ފަރާތް އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އިމާރާތުގެ ބޭރު ފެންނަ ސީ.ސީ.ޓީ.ވީ ފުޓޭޖް އެކަނި ދައްކާފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މީގެ ސަބަބުން، އެ ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވާކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އޭގެ އިތުރުން، ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހާދިސާގައި އަނިޔާވި ފަރާތް ފިޔަވައި މައްސަލައާ ގުޅުންހުރި އެހެން ފަރާތްތަކުގެ ނަމާއި މައުލޫމާތު ހާމަނުކޮށް، ހަމައެކަނި މި ހާދިސާގައި އަނިޔާވި ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައިވުމަކީ، އަނިޔާވި ފަރާތާއި ހާދިސާގައި ހިމެނޭ އެހެން ފަރާތްތައް ތަފާތުކުރުން ކަމުގައި ބެލެވޭ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ. މީގެ ސަބަބުން އަނިޔާވެފައިވާ މީހާ އިތުރަށް ވިކްޓިމައިޒްވެފައިވާ ކަންވެސް އެކޮމިޝަނުން ފާހަގަކުރެއެވެ.
ވަށައިގެންވާ ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް ހާދިސާ ހިނގައިދިޔަ ގޮތްކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ފުލުހުންގެ ތަޙުޤީޤު ގޮސްފައި ނުވަނީސް، ހާދިސާ ހިނގައިދިޔަގޮތް ކަމަށް ދޭހަވާނެފަދަ ގޮތަކަށް ފުލުހުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރުމަކީވެސް ކަންބޮޑުވާ ކަމެއް ކަމަށާއި، އަދި މިއީ ފުލުހުންނާމެދު އާންމުންގެ އިތުބާރު ގެއްލި ތަޙުޤީޤުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދޭނެފަދަ ކަމެއް ކަމަށްވެސް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.
އެއްވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެތިބެ، ވަށާޖެހޭ، ފުރިހަމަ އަދި ނަޒާހާތްތެރި ތަޙުޤީޤެއް ހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފައެވެ. އަދި ފުލުހުންގެ ތަޙުޤީޤު ކުރިއަށްދާ ގޮތް އެ ކޮމިޝަނުން މޮނިޓަރ ކުރަމުން ގެންދާނެކަމަށްވެސް އެކޮމިޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހާދިސާގައި އަނިޔާވި މީހާއާއި އޭނާގެ އާއިލާގެ ގަދަރާއި ކަރާމާތަށް އިޙްތިރާމްކޮށް، އޭނާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކުރެއެވެ.