ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭ އެޕާޓްމެންޓެއް ފާސްކޮށް ދެމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެމީހުން. ފޮޓޯ:ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭ އެޕާޓްމެންޓެއް ބަލައި ފާސްކޮށް ދެދިވެއްސަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަދުނީ، އިބްރާހީމް ރަޝީދު (40އ) އާއި ޏ. ފުވައްމުލައް / މިސްކިތްމަގު، ކުދިމާގެ، ޞަފިއްޔާ މުޙައްމަދު (41އ) ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި އެޕްރީލް މަހުގެ 22 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، މި ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 108.96 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ރަޝީދު (40އ) 15 ދުވަހަށް އަދި ޞަފިއްޔާ މުޙައްމަދު (41އ) ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.