ޚަބަރު
ފުރާޅަށް ވެއްޓުނު އަންހެން ކުއްޖާގެ މައްސަލަ: ވެންޓިލޭޓަރުން ނެގުނަސް އަދިވެސް ޙާލު ވަރަށް ދެރަ

ސީޕީ ޝުޖާޢު އަދި ޑީސީޕީ ނަވީން. ފޮޓޯ: ޕީއެސްއެމް
ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓީފައި އޮތް އަންހެންކުއްޖާ ފަރުވާއަށް ހޮސްޕިޓަލަށް ގެންދެވި ވެންޓިލޭޓަރުން ނެގުނަސް އަދިވެސް އޭނާގެ ޙާލު ވަރަށް ދެރަކަމަށް ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ.
ޑީސީޕީ ނަވީން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށް އެންމެ ފުރަތަމަ އޮތީ ވެންޓިލޭޓަރަށް ލައިފައި ކަމަށެވެ. ވެންޓިލޭޓަރުން ނެގޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވީ ބޮލުގެ ސީޓީ ސްކޭނަކާއި ކަރަށާއި ކަނދުރާއަށް ލިބިފައި ހުރި ޒަޚަމްތައް ބެލުމަށްފަހުގައި ކަމަށެވެ.
“ވެންޓިލޭޓަރުން ނެގިފައޮތަސް އައިސީޔޫގަ އޮތީ، ވަރަށް ޙާލުދެރަކޮށް އޮތީ، ސުވާލުކުރަން އަދި ފިންގަރ ޕްރިންޓް ކަހަލަ އެއްޗެހި ނަގަންވެސް ޑޮކްޓަރުން އަޅުގަނޑުމެންނަކަށް ހުއްދައެއް ނުދޭ” ޑީސީޕީ ނަވީން ވިދާޅުވިއެވެ.
އެހެންނަމަވެސް ލޭގެ ޓެސްޓަކާއި ކުޑަކަމުދާ ތަކެތީގެ ޓެސްޓެއް ހެދިފައިވާ ކަމަށެވެ. ނަވީން ވިދާޅުވީ ކުރީގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ހާމަކުރިހެން މަސްތުވާ ތަކެތީގެ ބާވަތެއް ކަަމަށްވާ ކެނަބިސްއަށް ވިކްޓިމް ޕޮޒިޓިވް ކަމަށެވެ.
އެހެންނަމަވެސް ހަމައެކަނި ކެނަބިން ނަގައިގެން އެހާވަރަށް މަސްތުވާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި އެހެންކަމުން އިތުުރު ޓެސްޓުތައް ހެދުމަށް މަސައްކަތް އެބަ ކުރައްވާކަމަށް ނަވީން ވިދާޅުވިއެވެ.
މީގެއިތުރުން އަންހެންކުއްޖާ ލައިގެެން ހުރި އަންނައުނު ވެސް ޑީއެންއޭ ޓެސްޓު ހެދުމަށް ޓަކައި ފުލުހުންގެ ލެބަށް ގެންދެވިފައިވާކަން ޑީސީޕީ ނަވީން ފާހަގަކުރެއްވެވިއެވެ.
ޑީސީޕީ ނަވީން ވަނީ މައްސަލާގައި ހިމެނޭ ރައުދު އަހުމަދު ޒިލާލް ތަހުޤީޤަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާކަންވެސް ފާހަގަކުރައްވައިފައެވެ.
ރައުދު ވެސް ވަނީ ކެނަބިސް އަށް ޕޮޒިޓިވް ވެފައެވެ. އަދި އޭނާގެ ފޯނާއި ޕާސްޕޯޓް ވަނީ ކޯޓް އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ރައުދުގެ އިތުރުން މައްސަލާގައި ހިމެނޭ އެހެން އެންމެންގެ ވަނަވަރު އާއްމުކޮށް، އެމީހުންގެ ޕާސްޕޯޓް ފުލުހުން ވަނީ މިހާރު ހިފަހައްޓާފައެވެ.