ޚަބަރު
ތިން ހޮސްޕިޓަލެއް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ތިން ހޮސްޕިޓަލުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު، ފޮޓޯ: ޕީއެސްއެމް
ޓާރޝަރީ ފެންވަރަށް ދެ ހޮސްޕިޓަލެއް ތަރައްޤީކޮށް އެއް ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށް ސަރުކާރުން ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ޙާއްސަ ރަސްމިއަޔާތުގައި މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީ އަދި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.
އެގޮތުން އެއްބަސްވުންތަކާއެކު ޅ. ނައިފަރު ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާ ކުރުމަށް ބޭނުން ޖާގަ އިތުރުކުރުމުގެ މަސައްކަތް ހިމެނޭއިރު، މި މަސައްކަތްތަކާއެކު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ތިނަދޫ ސިޓީގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް އަޕްގްރޭޑު ކުރުން ހިމެނެއެވެ.
ޅ. ނައިފަރު ހޮސްޕިޓަލްގެ ލޭބަރ ރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރީ އާރުޑީސީއާއެވެ. އެ މަސައްކަތްތައް އެ ކުންފުންޏާއި ހަވާލުކުރީ 7,711,200.00ރ. އަށް، އެއް އަހަރު ދުވަހުން މަސައްކަތް ނިންމުމަށެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ އާ އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ މަސައްކަތުގެ އަގަކީ 161،245،343.52ރ. އެވެ. އަދި މި މަސައްކަތް ހަވާލުކުރެވުނީ 540 ދުވަހުން މަސައްކަތް ނިންމުމަށެވެ.
މީގެ އިތުރުން، މިއަދު ދެން ހަވާލުކޮށްފައިވަނީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރަން ބޭނުންވާ ޖާގަ އިތުރުކުރުމަށް އެމްޓީސީސީއާއެވެ. މި މަސައްކަތް 540 ދުވަހުން ނިންމަން ޖެހޭއިރު، މި މަސައްކަތުގެ އަގަކީ 147،437،634.24 ރ.އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މިއީ ސިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ޙަވާލުކުރެއްވި މަޝްރޫޢުތަކެއްކަމަށެވެ.
މީގެ އިތުރުން، މި މަސައްކަތްތައް ހަވާލުކުރި ކުންފުނިތަކާ ގުޅިގެން، މަސައްކަތްތަކުގެ ޓައިމްލައިނާ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.