ކުޅިވަރު / ޚަބަރު
ބީއެމްއެލް އިން ސްވިމިންގ އެސޯސިއޭޝަންއާއެކު ވެފައިވާ ޤައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނަރޝިޕް އައުކޮށްފި

ބީއެމްއެލް އިން ސްވިމިންގ އެސޯސިއޭޝަންއާއެކު ވެފައިވާ ޤައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނަރޝިޕް އައުކުރުން/ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެސްއޭއެމް އާއެކު ވެފައިވާ ޤައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނަރޝިޕް އިތުރު 3 އަހަރަށް އައުކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގައި ފެތުމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރާ މަސައްކަތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތް 3 އަހަރު ދުވަހު ޤައުމީ ސްވިމް ޓީމުގެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މި އެއްބަސްވުމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު އޮންނަ ޕާޓްނަރޝިޕް އައުކުރެވިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. ހަމަ އެހެންމެ، ވޭތުވެދިޔަ އަހަރުތަކުގައި ފެތުމުގެ ދާއިރާއިން ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މި މަސައްކަތުގައި، އެތުލީޓުން އިތުރު ހަރުފަތްތަކަށް ގެންދިޔުމަށް އަބަދުވެސް އެހީތެރިވެދޭނެކަމަށް ސީއީއޯ ވަނީ ވިދާޅުވެފައެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެސްއޭއެމްގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއާއެކު ޕާޓްނަރޝިޕް އައުކުރެވުނުކަމީ އެ އެސޯސިއޭޝަނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ. ހަމަ އެހެންމެ، މި ޕާޓްނަރޝިޕްގެ ސަބަބުން ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފެތުންތެރިންނާއި، މި ކުޅިވަރުގައި ރާއްޖެ ތަމްސީލުކުރާ އަދި ރާއްޖެއަށް ރީތި ނަމާއި ޝަރަފު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ބީއެމްއެލްގެ ވަރަށް ބޮޑޫ އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެސްއޭއެމްގެ ރައީސް ވިދާޅުވިއެވެ.
ބީއެމްއެލް އިން ސްވިމިންގ އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދޭން އެންމެ ފުރަތަމަ ފަށާފައިވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ.