Ads by Aqeeqa Maldives

ޚަބަރު

އެމިރޭޓްސްގެ އަޕްގްރޭޑްކުރެވިފައިވާ ބޯއިންގ 777 ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި

އެމިރޭޓްސްގެ އަޕްގްރޭޑްކުރެވިފައިވާ ބޯއިންގ 777 ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި

އެމިރޭޓްސް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 އޭޕްރީލު 2025، 04:28

22 އޭޕްރީލު 2025، 04:28

އެމިރޭޓްސް އެއަރލައިނުން އަޕްގްރޭޑްކުރެވިފައިވާ ބޯއިންގ 777ގެ ދަތުރުތައް ރާއްޖެ ހިމެނޭގޮތަށް އިތުރު 8 މަންޒިލަކަށް ފެށުމަށް ނިންމައިފިއެވެ. މި ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.

އެމިރޭޓްސްއިން މިގޮތަށް ނިންމާފައިވަނީ އެ އެއަރލައިންގެ ރެޓްރޯފިޓް ޕްރޮގްރާމުގެ ދަށުން ފްލީޓުގައި ހިމެނޭ ބޯޓުތައް އަޕްގްރޭޑްކުރުމަށްފަހުގައެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ 3 ހަފްތާއަކުން އެއް އެއަރކްރާފްޓެއް އަޕްގްރޭޑްކޮށް ޚިދުމަތަށް ނެރެމުންދާކަމަށް އެ އެއަރލައިނުން ބުނެފައިވެއެވެ.

އަޕްގްރޭޑްކުރެވިފައިވާ ކޮންމެ ބޯއިންގއެއްގައިވެސް ޕްރިމިއަމް އިކޮނޮމީގެ 24 ގޮނޑިއާއި 1-2-1 ފޯމެޓަށް ފަރުމާކޮށްފައިވާ 260 އިކޮނޮމީ ގޮނޑި ހިމެނޭކަމަށް އެމިރޭޓްސްއިން މަޢުލޫމާތު ދީފައިވެއެވެ. މިގޮތަށް ގޮނޑިތައް ފަރުމާކޮށްފައިވަނީ ފަސިންޖަރުންނަށް އިތުރު ޕްރައިވަސީއެއް ދިނުމަށްކަމަށް އެ އެއަރލައިނުން ބުނެފައިވެއެވެ.

ޖޫން 1 އިން ފެށިގެން ރާއްޖެއަށް ފުރަތަމަ ދަތުރުކުރާނީ އެމިރޭޓްސްގެ އީކޭ 658/659 އެވެ. އަދި ޖުލައި 15 ގައި އީކޭ 656/657 އަދި އީކޭ 660/661 ވެސް މި ޚިދުމަތް ފޯރުކޮށްދޭން ފަށާނެކަމަށް އެ އެއަރލައިނުން ހާމަކޮށްފައިވެއެވެ.

އެމިރޭޓްސްއިން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް، 44 މަންޒިލަކަށް އަޕްގްރޭޑްކުރެވިފައިވާ އެއަރކްރާފްޓްތައް އޮޕަރޭޓްކުރުމަށް އަމާޒު ހިފާފައިވާކަމަށް ބުނެފައިވެއެވެ. މީގެ ތެރޭގައި ލިސްބަން، ޑަބްލިން، ހޮންގކޮންގ އަދި ދެކުނު އެފްރިކާގެ މައި ސިޓީތަކަށް ދަތުރުކުރާ ރޫޓްތައް ހިމެނެއެވެ.

އެމިރޭޓްސްއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ދަތުރުތައް ބާއްވާ އެއް އެއަރލައިންކަމާއި، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީވެސް އެމިރޭޓްސްގެ ފްލައިޓްތަކުގައިކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު ބައިނަލްއަޤްވާމީ 44 އެއަރލައިނަކުން ރާއްޖެއަށް ދަތުރުކުރަމުންދެއެވެ. މީގެތެރޭގައި ޝެޑިއުލް ދަތުރުތައް ބާއްވާ އެއަރލައިންތަކާއި، ޗާޓަރ ދަތުރުތައް ބާއްވާ އެއަރލައިންތައްވެސް ހިމެނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS