ޚަބަރު
މަަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފި

ފުލުހުން ހައްޔަރުކޮށްފައިވާ ތިން މީހުން ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހުޅުމާލެއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު / އާވާޒް، އަހުމަދު ގާސިމް (42އ) އާއި ގދ. ގައްދޫ / ރަޖީނާގެ، އިބްރާހީމް ނިޔާޒު (36އ) އާއި ހއ. މާރަންދޫ / ސަނީބީމް، އަމްރު ޖަލީލް (20އ) ކަމަށެވެ.
އަދި މި މީހުންގެ ތެރެއިން ޅ. ހިންނަވަރު / އާވާޒް، އަހުމަދު ގާސިމް (42އ) ހައްޔަރުކޮށްފައިވަނީ އެޕްރީލް 21 ވަނަ ދުވަހުގެ ހަވީރު ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު ހުޅުމާލޭ ފޭސް 1 ހިރުނދުމަގުން އޭނާ ފެނުނުއިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހުގައި ކަމަށެވެ. އަދި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި ރަބަރު ޕެކެޓެއްގެ އިތުރުން ދެ ސެލޯފިންކޮޅު އެނާގެ އަތުން ފެނިފައިވާކަމަށެވެ.
ހއ. މާރަންދޫ / ސަނީބީމް، އަމްރު ޖަލީލް (20އ) ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ރުއްގަނޑު 2 ސަރަހައްދުން އޭނާ ދުއްވި ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު ފުލުހުން ފެނުމުން އޭނާ ފިލަން މަސައްކަތްކުރުމާ ގުޅިގެންކަމަށްެވެސް ފުލުހުން ވަނީ ބުނެފައެވެ. 119 ނަންބަރު ފްލެޓް ކައިރިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތުން 48 ދަޅު ބަނގުރާ ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ގދ. ގައްދޫ / ރަޖީނާގެ، އިބްރާހީމް ނިޔާޒު (36އ) ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު ހުޅުމާލޭ ފޭސް 2 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހިޔާ ޓަވަރު 16 ކައިރިން ކަމަށާއި، އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 67 ރަބަރު ޕެކެޓު އެނާގެ އަތުން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.