ޚަބަރު
138 ބައިވެރިންނާއި އެކު ފުލުހުންގެ 40 ވަނަ އަސާސީ ކޯސް ފަށައިފި

ފުލުހުންގެ 40 ވަނަ އަސާސީ ތަމްރީން ކޯސް ފެށުމުގެ ރަސްމިއްޔާތުގެތެރެއިން. ފޮޓޯ: ފުލުހުން
138 ބައިވެރިންްނާއި އެކު ފުލުހުންގެ 40 ވަނަ އަސާސީ ކޯސް ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 40 ވަނަ ބުރު ފަށައިފައިވަނީ ދ. ވާނީ ކެމްޕަހުގައެވެ.
މި ކޯސް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި މަހު 19 ވަނަ ދުވަހު ވާނީ ކެމްޕަހުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަޙްމާންއެވެ. މި ރަސްމިއްޔާތުގައި ކޮލެޖުގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި މުދައްރިބުން ބައިވެރިވެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މިއަދުން ފެށިގެން 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގައި 138 ފުލުހުން ބައިވެރިވާކަމަށާއި، މީގެ ތެރޭގައި ހިމެނެނީ 41 އަންހެން ފުލުހުންނާއި 97 ފިރިހެން ފުލުހުންކަމަށެވެ.
39 ވަނަ އަސާސީ ތަމްރީނު ކޯސް ޖަނަވަރީ 18 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އައްޑޫ ސިޓީ ކެމްޕަހުގައި ކުރިއަށް އެބަ ގެންދެއެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.