Ads by Aqeeqa Maldives

ޚަބަރު

ޖިނާއީ ތަހުޤީޤަށް ފޮޓޯ ނަގާނަމަ އެމީހެއްގެ ރުހުން ހޯދަންޖެހޭ: ފުލުހުން

ޖިނާއީ ތަހުޤީޤަށް ފޮޓޯ ނަގާނަމަ އެމީހެއްގެ ރުހުން ހޯދަންޖެހޭ: ފުލުހުން

ޕޮލިސް ހެޑްކުއާޓާސް. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޭޕްރީލު 2025، 01:54

21 އޭޕްރީލު 2025، 01:54

ޖިނާއީ ތަހުޤީޤަކަށް މީހެއްގެ ފޮޓޯ ނަގާނަމަ ފޮޓޯ ނެގޭނީ އެމީހެއްގެ ރުހުމާއި އެކުގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ފުލުހުން ބުނެފައިވަނީ ޖިނާއީ ތަހުޤީޤަކަށް މީހެއްގެ ފޮޓޯ ނަގަން ބޭނުންވާނަމަ ނުވަތަ މީހެއްގެ އަޑުގެ ސާމްޕަލެއް ބޭނުންވާނަމަ، އެކަން ކުރެވޭނީ އޭނާގެ ރުހުން އޮވެގެންކަމަށެވެ.

އަދި އެމީހެއްގެ ރުހުން ނުދޭކަމުގައިވާނަމަ އެކަން ކުރެވޭނީ ކޯޓް އަމުރެއްގެ ދަށުން ކަމަށާއި ފޮޓޯ އާއި އަޑުގެ ސާމްޕަލް ހިމެނެނީ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލްގެ ތެރޭގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލްގެ ތެރޭގައި، ޖިންސީ ގުނަވަނުގެ ފޮޓޯ ނެގުމާއި، ސާމްޕަލް ނެގުން ހިމެނޭތީ، ހަށިގަނޑުގެ ބޭރުގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ކޯޓުން އަމުރު ނެރޭ ހާލަތުގައި، ޖިންސީ ގުނަވަން ފިޔަވައި، ހަށިގަނޑުގެ އެހެން ތަންތަނުގެ ފޮޓޯ ނެގޭނެކަމަށް އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށްދިނުމަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އާއްމުކޮށް ފޮޓޯ ނަގަނީ، ހެކީގެ ގޮތުގައި ފުޓޭޖް އަކުން ނުވަތަ ވީޑިއޯ ފުޓޭޖަކުން ފެންނަ މީހަކީ ވަކި މީހެއްތޯ ބަލަން ކޮމްޕެރިސަން ހަދަން ނުވަތަ އަޑަކީ ވަކި މީހެއްގެ އަޑެއްކަން ދެނެގަތުމަށް ކަމަށްވެސް ފުލުހުން ބުނެފައވެއެވެ.

މިވަގުތު މީޑިއާގައި ސާމްޕަލް ނެގުމާ ގުޅޭގޮތުން ދައުރުވަމުންދާ ޕޮލިސް ޗިޓަކީ، ޗިލްޑްރަންސް އޮމްބަޑްސްޕާރސަން އޮފީހުން ހުށަހަޅައިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން ޖިނާއީ ތަހުޤީޤަށް ބޭނުންވާ ފޮޓޯ އާއި އަޑުގެ ސާމްޕަލް ނެގުމަށް ފޮނުވާފައިވާ ޗިޓެއް ކަމުގައި ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ހަށިގަނޑުގެ ބޭރުފުށުގެ ފޮޓޯ ނެގުމަށް ޤާނޫނީ ގޮތުން ކޯޓުން އަމުރު ދިން ނަމަވެސް، މިފަދަ ކޮންމެ އަމުރަކާ ގުޅިގެން، ތުހުމަތުވާ މީހާގެ އަންނައުނު ބާލުވައިގެން ފޮޓޯ ނެގުމަކީ ކުރާ ކަމެއް ނޫންކަމަށެވެ.

އަދި ފުލުހުން ތަހުޤީޤުގެ ބޭނުމަށް ފޮޓޯ އާއި ސާމްޕަލް ނަގާނީ އެ މައްސަލައެއްގެ ތަހުޤީޤަށް ކޮންމެހެން ބޭނުންވާ މިންވަރަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS