ޚަބަރު
ކެނދިކުޅުދޫގައި އަޅާ ޖޫނިއަރ ކޮލެޖްގެ ބިންގާ އަޅައިފިި

ޖޫނިއަރ ކޮލެޖްގެ ބިންގާ އެޅުން. ފޮޓޯ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ
ނ.ކެނދިކުޅުދޫގައި އަޅާ ޖޫނިއަރ ކޮލެޖްގެ ބިންގާ އަޅައިފިއެވެ.
ޖޫނިއަރ ކޮލެޖްގެ ބިންގާ އަޅުއްވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރެވެ.
ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖް ތަރައްޤީކުރަނީ ބިލްޑް-ފައިނޭންސް-އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕް އުސޫލުން ވިލާ އެޑިޔުކޭޝަނަލް ސަރވިސަސްއިންނެވެ. މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ވިލާ އެޑިޔުކޭޝަނަލްއާ ހަވާލުކޮށްފައިވަނީ 2022ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ކެނދިކުޅުދޫގައި ތަރައްޤީކުރާ ޖޫނިއަރ ކޮލެޖަކީ މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށްގެން މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ކޮލެޖެކެވެ.
ނ.ކެނދިކުޅުދޫގައި ތަރައްޤީ ކުރަން ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ މަތީ ފަންތީގެ ޓޫރިޒަމާއި، ހޮސްޕިޓަލިޓީ ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް މިކޮލެޖްގައި ހިންގުމަށް މަގުފަހިވާނެކަމަށް ކުރިން މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ.
ޖޫނިއަރ ކޮލެޖް ޢިމާރާތް ކުރުމަށްޓަކައި ކެނދިކުޅުދޫން 86،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖައްސާފައިވެއެވެ. މިޕްރޮޖެކްޓް ހުރިހާ ފިޔަވައްސެއް ނިމޭއިރު ޖޫނިއަރ ކޮލެޖުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓް ބްލޮކެއްގެ އިތުރުން އެކޮމަޑޭޝަން ބްލޮކެއް ހުންނާނެއެވެ.
ނ. ކެނދިކުޅުދޫގައި ބިލްޑް-ފައިނޭންސް-އޮޕަރޭޓް ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕް އުސޫލުން ވިލާ އެޑިޔުކޭޝަނަލް ސަރވިސަސް އާ ހަވާލުކުރެވިގެން ތަރައްޤީ ކުރަމުން އަންނަ ޖޫނިއަރ ކޮލެޖުގެ ބިންގާ އެޅުމަުގެ ރަސްމިޔާތުގެ ތެރެއިން. pic.twitter.com/y43QOLSq7v
— Min. of Higher Edu, Labour and Skills Development (@MoHEmv) April 18, 2025
އަދި ޓޫރިޒަމާއި ހޮސްޕިޓަލިޓީގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް އިންސްޓިޓިއުޓާއެކު ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަދުވެގެން 6 ކްލާސް ރޫމާއި ސީ.ޓީ ލެބޯރެޓަރީއަކާއި، އޮޑިޓޯރިއަމެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެއެވެ.
މީގެއިތުރުން އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއެއްގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ވެސް، މިޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު، ހުރުމާއެކު އަސާސީ ޚިދުމަތްތައް ހުންނާނެއެވެ.