ޚަބަރު
ސަޢުދީޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް 25،000 މުޞްޙަފް ހަދިޔާކޮށްފި

ސަޢުދީއިން ރާއްޖެއަށް ހަދިޔާކުރި މުޞްޙަފްތަކާ ރަސްމީކޮށް ހަވާލުވުން. ފޮޓޯ: އިސްލާމީ ކަންަތައްތަކާއި ބެހޭ ވުޒާރާ
ސަޢުދީއަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް 25،000 މުޞްޙަފް ހަދިޔާކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވަނީ މާލެއާއި އަތޮޅުތަކުގެ ޤުރްއާން ކުލާސްތަކާއި ޤުރްއާން ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް ބޭނުންވާ މުޞްޙަފު، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން އެވުޒާރާއަށް ހަދިޔާކޮށްފައިވާކަމަށެވެ.
އެގޮތުން ފުރަތަމަ ޝިޕްމެންޓުގައި 25،000 މުޞްޙަފު ވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ފޮނުއްވާފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
މި މުޞްޙަފުތައް ހަވާލުކޮށްފައި ވަނީ އެވުޒާރާ އާއި ސަޢޫދީ އެމްބަސީއާ ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ މަރުކަޒުގެ ހޯލުގައެވެ. މި މުޞްޙަފްތައް ވުޒާރާއާއި ހަވާލުކޮށްދެއްވީ ސަޢުދީ އެމްބަސީގެ ފަރާތުން ޗާޖް ޑި އެފެއަރޒް ފަހުދު އަލްދޯސްރީ އެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މުސްޙަފްތަކާއި ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ފުރުޞަތުގައި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބުން ޢަބްދުލް ޢަޒީޒާއި އެ މަނިކުފާނުގެ ވަލިއްޔުލް ޢަހުދު އަލްއަމީރު މުޙައްމަދު ބުން ސަލްމާންއަށް ދިވެހިރާއްޖެއަށް ވެދެއްވާ ދީލަތި އެހީތެރިކަމަށް ޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރުއަދާކުރައްވައިފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާން ކުލާސްތަކާއި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު ފުޅާކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. މިއަދު ސަޢުދީ ސަރުކާރުން ހަދިޔާ ކުރެއްވި 25،000 މުސްޙަފަކީ މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުން ކުރެވިގެންދާނެ މުސްޙަފްތަކެކެވެ. މިއީ މި ސަރުކާރާއި ސަޢުދީ ސަރުކާރާއި ދެމެދު އޮތް ޒަމާންވީ ގުޅުން ދައްކުވައިދޭ ކަމެކެވެ.