ޚަބަރު
ބޮޑެތި އާބާދީތައް ހިމެނޭ 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް އަންނަ މަހު ފަށަނީ

ހާފިޡުންގެ ދަސްވެނިމުމުގެ ތެރެއިން. ފޮޓޯ: އިސްލާމީ ވުޒާރާ
ރާއްޖޭގެ ބޮޑެތި އާބާދީތައް ހިމެނޭ 9 ރަށެއްގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް އަންނަ މަހު ފެށިގެން ދާނެ ކަމަށް އިސްލާމީ ކަންތައްކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ މާތް ﷲ ހެޔޮ ރަޙުމަތްފުޅުން އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ޤާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ޤާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެކަމަށެވެ.
އެގޮތުން ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށްގެންދެވޭނެ ރަށްތަކަކީ:-
- ހއ.ދިއްދޫ
- ބ.އޭދަފުށި
- ދ.ކުޑަހުވަދޫ
- އއ.ފެރިދޫ
- ރ.އުނގުފާރު
- ހދ.ކުޅުދުއްފުށި
- ގދ.ތިނަދޫ
- ސ.ހިތަދޫ
- ލ.ގަން
މީގެ އިތުރުން ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި ޤުރުއާން އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒްގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތައްވެސް ވަޒީރު ޝަހީމް އިޢުލާނުކުރައްވައިފައިވެއެވެ. މިރަށްތަކުގައި ވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތައް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރު ހަމަޖެހިގެންދާނެ ކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
އެރަށްތަކަކީ:-
- ރ.މަޑުއްވަރީ
- ނ.ވެލިދޫ
- ތ.ކިނބިދޫ
- ތ.ގުރައިދޫ
- ގދ.ގައްދޫ
- ލ.އިސްދޫ ކަލައިދޫ
- ހއ.އުތީމު
- ދ.މީދޫ
މިރަށްރަށުގެ ތެރެއިން ތ.ކިނބިދޫ، ގދ.ގައްދޫ، ލ.އިސްދޫ ކަލައިދޫ އަދި ހއ އުތީމުގައި މިމަސައްކަތް ފަށުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދެކެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ މި ރަށްރަށުގައި ހުރި ޤުރުއާން މަރުކަޒުގެ ގޮފިތަކަށް، ޤުރުއާނާއި ބެހޭ މަރުކަޒުން ޤުރުއާން ޓީޗަރު އަންނަ މަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގެ ޤުރުއާން މަރުކަޒަށް، އެމަރުކަޒް ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖެހިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.