ޚަބަރު
މެޑަމް ސާޖިދާ އެމްޑީޕީ އާއި މަންދީއާއި ދެކޮޅަށް ހުށައެޅި މައްސަލަ ރެޖިސްޓަރ ކޮށްފި

ސިވިލް ކޯޓު
މެޑަމް ސާޖިދާ މުޙައްމަދު އެމްޑީޕީ އާއި އެޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރްއާއި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށައެޅި މައްސަލަތައް އެކޯޓުގައި ރެޖިސްޓަރ ކޮށްފައިވާކަމަށް މައްސަލައިގެ ވަކީލު އަލްއުސްތާޒާ ޢާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.
މިމައްސަލައަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ދަރިކަލުން ޢުމައިރަށް ނިސްބަތްކޮށް އެމްޑީޕީގެ ސިޔާސީ ހަރަކާތެއްގެ ތެރޭގައި މަރިޔަމް ޒުބައިރް(މަންދީ) ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ޢުމައިރްގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ޙާލަތެއް މެދުވެރިކުރުވައިފައިވާތީ ހުށައަޅައިފައިވާ މައްސަލައެކެވެ. މިމައްސަލަ ސިވިލް ކޯޓަށް ހުށައަޅައިފައިވަނި މާރޗް މަހުގެ 19 ވަނަ ދުވަހުއެވެ.
މިއަދު ވަކީލް ޢާޒިމާ ޝުކޫރު ނެރުއްވާފައިވާ ސްޓޭޓްމަންޓުގައި ބުނެފައިވަނީ މިމައްސަލަތައް ހުށައަޅައިފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމަތާއި ރައްކާތެރިކަމުގެ ހައްޤު ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް ނިގުޅައި ނުގަނެވޭނެކަން ކަށަވަރުކޮށް އެކުދިންގެ ތަޢުލީމާއި މުސްތަޤްބަލު އަދި ނަފްސު ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށައެޅުމަށްކުރެވޭ މަސައްކަތުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްސަދުގައި ކަމަށެވެ.