Ads by Farudhun

ޚަބަރު

މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަން ހޯދުމުގައި އެއްވެސް ހުރަހެއް އޮވެގެން ނުވާނެ: ރައީސުލްޖުމްހޫރިއްޔާ

މޫސުމީ ބަދަލުތަކާ ގުޅޭ މާލީ އެހީތެރިކަން ހޯދުމުގައި އެއްވެސް ހުރަހެއް އޮވެގެން ނުވާނެ: ރައީސުލްޖުމްހޫރިއްޔާ

ކުދި ޖަޒީރާ ޤައުމުތަކުގެ އިއްތިޙާދުގެ ލީޑަރުން ބޭއްވެވި ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

12 ނޮވެމްބަރު 2026، 08:46

12 ނޮވެމްބަރު 2026، 08:46

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ތަޙައްމަލުކުރަމުންދާ ނާޒުކު ޙާލަތްތަކަކީ، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ލިބެންޖެހޭ މާލީ އެހީތެރިކަން ހޯދުމަށް އޮތް ހުރަހަކަށް ވެގެންނުވާނެ ކަމަށާއި، ބައިނަލްއަޤްވާމީ މާލީ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮޕް31 ސަމިޓުގެ ހަވާސާގައި ބޭއްވުނު، ކުދި ޖަޒީރާ ޤައުމުތަކުގެ އިއްތިޙާދު (އެއޯސިސް) ގެ ލީޑަރުން އދ. ގެ ސެކްރެޓަރީ ޖެނެރަލްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އަމާޒަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމެވެ. ނަމަވެސް، މި ލަނޑުދަނޑި ޙާޞިލުކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކެވެ. އެހެންކަމުން، މިހާރު އިސްކަންދޭންވީ މޫސުމީ މާލީ އެހީ އާއި މާލީ ނިޒާމު އިޞްލާޙުކުރުމާއި، ކަންކަން ޢަމަލީގޮތުން ތަންފީޛުކުރުމުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމީ މާލީ އެހީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ފައިސާއަކީ އެކަށީގެންވާ، ފަސޭހައިން ލިބޭނެ، އިތުބާރު ހުރި އަދި ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ޚާއްޞަކޮށް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވޭ "ސުޕަރ އެލް ނީނޯ" ގެ ނުރައްކަލަށް ރިޢާޔަތްކޮށް، މޫސުމަށް ހޭނުމަށް ބޭނުންވާ ފައިނޭންސް އިތުރުކުރުމަށާއި، ލޮސް އެންޑް ޑެމޭޖް ފަންޑު އަވަހަށް ފުރިހަމަކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެއިތުރުން، އެ ޤައުމުތަކުން އުފެއްދުމުގައި މާ ބޮޑު ދައުރެއް ނެތް ކާރިސާއަކާ ކުރިމަތިލުމަށްޓަކައި، ބޮޑެތި އިންޓްރެސްޓް ރޭޓްތަކުގައި ދަރަނި ނަގަން ޤައުމުތަކަށް މަޖުބޫރުވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މޫސުމީ ކަންކަމަށް ފިޔަވަޅު އެޅުމަކީ ޤައުމުގެ ތަރައްޤީ މަޑުޖެހި، ނާޒުކު ޤައުމުތަކުގެ ބޮލުގައި ނުއުފުލޭ ވަރުގެ ބޮޑެތި ދަރަނިތައް އެޅޭ ކަމަކަށް ވެގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލީ ނިޒާމު އިޞްލާޙުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު އޮތް މާލީ އިންތިޒާމުތަކުގެ ސަބަބުން ނާޒުކު ޤައުމުތަކަށް ބޮޑު އަގުގައި ދަރަނި ނަގަން މަޖުބޫރުވެ، ދަރަނީގެ ބުރަ ބޮޑުވެ، މާލީ މިނިވަންކަން ހަނިވަމުންދާ ކަމަށެވެ. އެހެންކަމުން، މޫސުމީ ވިލުންތެރިކަމަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ ދިގު މުއްދަތުގެ އިޤްތިޞާދީ އަގު ބަލައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށާއި ކްރެޑިޓް ރޭޓިންގ އެޖެންސީތަކަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

މޫސުމީ ކަންކަން ތަންފީޛުކުރުމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެފައިވާ ވަޢުދުތަކަކީ ޢަމަލީ ނަތީޖާއަކަށް ބަދަލުވާންޖެހޭ ކަންކަން ކަމަށެވެ. މިގޮތުން ކޮޕް31 ގެ ދަށުން ދުނިޔެއަށް ކަރަންޓު ފޯރުކޮށްދިނުމާއި، ކުނި މެނޭޖްކުރުމާއި، ސާކިއުލަރ އިކޮނޮމީ އަދި މޫސުމަށް ވިލުންތެރި ސިޓީތައް ބިނާކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް އެމަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތްތަކަށް އެކަށީގެންވާ ފައިސާއާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ޢަމަލީ އެހީތެރިކަން ކޮންމެހެން ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކުން އެދެނީ ސަދަޤާތަކަށް ނުވަތަ ހަމްދަރުދީއަކަށް ނޫން ކަމަށާއި، އެ ޤައުމުތަކުން އެދެނީ މޫސުމީ ޢަދުލުވެރިކަމަށް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ޙަޤީޤީ އިމްތިޙާނަކީ ވާ ވަޢުދުތަކެއް ނޫން ކަމަށާއި، އެއީ ނެރެދެވޭ ޢަމަލީ ނަތީޖާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އެމަނިކުފާނުގެ ދައުރުގައި ކުދި ޖަޒީރާ ޤައުމުތަކަށް ދެއްވި ސާބިތު އެއްބާރުލެއްވުމަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވައި، އެމަނިކުފާނުގެ ދައުރު ނިމުމަކާ ގާތްވެފައިވާތީ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

Ads by MSS

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450