ޚަބަރު
ޕީސީބީގެ ރައީސްއަކަށް އަނަސް އަށް ރުހުން އޮތްކަމަށް މަޖިލީހުން ފާސްކޮށްފި

ޕީސީބީގެ ރައީސް އަނަސް.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ، ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސްއަށް ރައްޔިތުންގެ މަޖިލީހުން ރުހުން އޮތްކަމަށް ފާސްކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް އަނަސް އައްޔަންކުރެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އެ މަޤާމަށް އޭނާ ޢައްޔަންކުރައްވައ،ި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސް މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރެއްވީ މަޖިލީހުގެ އެސްއޯއީ ކޮމިޓީންނެވެ.
އެ ކޮމިޓީން ވަނީ އަނަސްއަށް 87 މާސްކްސް ދެއްވައި، އޭނާއަކީ އެ މަޤާމަށް ޤާބީލު ބޭފުޅެއްކަމަށް ނިންމަވާފައެވެ.ޕީސީބީއަށް ރައީސްކަމަށް އަނަސް އައްޔަންކުރެއްވީ، ކުރިން އެ މަޤާމުގައި ހުންނެވި ހަމްދީ އަގީލް ފެބުރުއަރީ މަހުގެ 13ވަނަ ދުވަހު އެ މަޤާމު ވަކިކުރެއްވުމުންނެވެ.
މުޙައްމަދު އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މާލީ ވުޒާރާގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަޤާމު ހިމެނެއެވެ.
އަނަސް ޕީސީބީގެ ރައީސް ކަމަށް އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން އޮތް ކަމަށް ފާސްކޮށްފައިވަނީ 82 މެމްބަރުންގެ ވޯޓުންނެވެ.