ޚަބަރު
މަޑުލު ވަޙީދު ޤައުމަށް ކޮށްދެއްވެވި އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ: ރައީސް މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ދިވެހި ބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވެވި މަޑުލު މުޙައްމަދު ވަޙީދު ޤައުމަށް ކޮށްދެއްވެވި އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުމުވެއް ނެތި ދެމިހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދުގެ ވަގުތެއްގައި މަޑުލު މުޙައްމަދު ވަޙީދު ނިޔާވުމާއި ގުޅިގެން އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވެފައިވަނީ ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އަޑުއެެއްސެވީ ފުން ހިތާމައާއި އެކުގައިކަމަށެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ، ދިވެހިބަހުގެ އަދީބެއް ކަމަށާއި، ދިވެހިރާއްޖޭގެ ފަހުގެ ތާރީޚު ދުށް ކުޅަދާނަ ލިޔުންތެރިއެއް އަަދި ތަރުޖަމާކުރުންތެރިއެއްކަމަށެވެ.
މަޑުލު ވަޙީދަކީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޚިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ޚިދުމަތްތެރިއެއްކަން ރައީސް މުޢިއްޒު ފާހަގަ ކުރެއްވެވިއެވެ.
މީގެއިތުރުން ލިޔުންތެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން 1985ވަނަ އަހަަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާކަމަށާއި ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ކަންވެސް ރައީސް ފާހަގަކިުރެއްވެވިއެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު މަޑުލު ވަޙީދު ޙާޞިލުކުރައްވާފައިވާކަމަށާއި، ދިވެހި ނޫސްވެރިކަމުގެ އަލިމަސް ގަލަން މަރްޙޫމް މަޑުލު ވަޙީދަށް ލިބިވަޑައިގެންފައިވާކަން ވެސް ރައީސް ފާހަގަކުރެއްވެވިއެވެ.
“ ގިނަ ދަރިވަރުންތަކަކަށް ކިޔަވައިދެއްވާފައި ވޭ، ބައި ގަރުނަށް ވުރެ ދިގު މުއްދަތަކު ޤައުމަށް އެ ކޮށްދެއްވި އަގުހުރި ޚިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ” ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މާތްﷲ މިންވަރުކުރެއްވުން އެދި ރައީސްގެ ޕޯސްޓުގައި ދުޢާ ކުރައްވަވައިފައިވެއެވެ.
إِِنَّا لِلَّٰهِ وَإِنَّـا إِلَيْهِ رَاجِعُوْنَ
— Dr Mohamed Muizzu (@MMuizzu) April 14, 2025
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއި އެކުއެވެ.
މަރުޙޫމް މަޑުލު މުޙައްމަދު ވަޙީދަކީ، ދިވެހިބަހުގެ އަދީބެކެވެ. ދިވެހިރާއްޖޭގެ ފަހުގެ… pic.twitter.com/S7PLPlXTC1
މަޑުލު މުޙައްމަދު ވަޙީދު ނިޔާވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މަޑުލު މުޙައްމަދު ވަޙީދު ނިޔާވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައެވެ