ޚަބަރު
ފާއިތުވި ހަފްތާގައި މަސްކިރުވި 243 ދޯންޏަކަށް 12.8 މިލިޔަން ދީފި

މަސްވެރިން މަސައްކަތުގައި ހަރަކާތްތެރިވަނީ
ފާއިިިތުވި ހަފްތާގައި މިފްކޯއަށް މަސްކިރުވި 243 ދޮންޏަކަށް 12.8 މިލިއަން ރުފިޔާ މިފްކޯއިން ދޫކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
މަސްވެރިންނަށް މިދިޔަ ހަފްތާގައި 12.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އެންމެ ގިނައިން މަސް ކިރުވާފައިވަނީ އޭޕްރީލް 8 ވަނަ ދުވަހުއެވެ. އެދުވަހު 60 ދޯންޏަކަށް ވަނީ 3.1 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ. އެގޮތުން ކުރީ ހަފްތާގައި 101 ދޯންޏަކުން މިފްކޯއަށް މަސް ކިރުވާފައިވާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވާފައިވަނީ 243 ދޯންޏަކުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ.
މި ވަޢުދު ތަންފީޒުކުރަން ފަށާފައިވަނީ ފާއިތުވި މަސްވެރިންގެ ދުވަހާއި ގުޅުވައިގެނެވެ. މިފްކޯއިން ބުނެފައިވަނީ، މި އައު އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތިުރު ވަމުންދާކަމަށެވެ.