ޚަބަރު
އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ދަނޑުވެރިކަމާބެހޭ ވުޒާރާ ތަމްސީލް ކުރާނެ ފަރާތެއް ހޯދަނީ

ބީސީސީއިން ބޭއްވި މައުރަޒެއްގެ ތެރެއިން
ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 ގައި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާ ތަމްސީލް ކުރާނެ ފަރާތެއް ހޯދުމަށް އެވުޒާރާއިން އިޢުލާނުކޮށްފިއެވެ.
ބީސީސީއިން ބާއްވާ މި މަޢުރަޒުގައި ދަނޑުވެރިކަމާ ބެހޭ ވުޒާރާ ތަމްސީލު ކުރުމަށް ބައިވެރިވެވޭނެ ކަމަށް އެވުޒާރާއިން ބުނެފައިވަނީ ގަސްގަހާގެހި / ދަނޑުވެރިކަމުގެ ވިޔަފާރިވެރިން، ޕެޓް ޝޮޕެއް ނުވަތަ ޖަނަވާރު ބެލެހެއްޓުމުގެ ޚިދުމަތްދޭ ތަންތަން، ދަނޑުވެރިކަމަށް ޚާއްސަ އެންޖީއޯއެއް ނުވަތަ ޕްރޮޖެކްޓެއް ނުވަތަ އެހެނިހެން ގުޅުންހުރި ވިޔަފާރިތައް ކަމަށެވެ.
މި މައުރަޒުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާ ތަމްސީލުކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ކުންފުނީގެ ނަމާއި، ކުރު ތަޢާރަފެއް އަދި ފޯނު ނަންބަރު އެވުޒާރާގެ އީމެއިލްއަށް ފޮނުވުމަށް ކުރުމަށް އެވުޒާރާއިން ވަނީ އެދިފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2025 އަކީ މިހާތަނަށް ބާއްވާ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މަޢުރަޒެވެ. މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ބީސީސީން ވަނީ ނިންމާފައެވެ.
މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭގޮތަށް އިތުރު ފަހި ފުރުސަތުތަކެއް ބީސީސީން މިހާރުވަނީ ހަމަޖައްސާފައެވެ. ކުރިން އޮންނަގޮތުން މަޢުރަޒުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ބައިވެރިކުރެވޭނީ 15 ބާވަތެއްގެ އުފެއްދުމެވެ. ނަމަވެސް މިއުސޫލު ބަދަލުކޮށް މިހާރު މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެކަމަށް ބީސީސީން ބުނެފައިވެއެވެ.
މި މަޢުރަޒު އޮޮންނާނީ މެއި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.