ޚަބަރު
ރާއްޖޭގައި ސްޕެޝަލިސްޓުންނާއި ސުޕަރ ސްޕެޝަލިސްޓުން މަދު ދާއިރާތަކުން ޑޮކްޓަރުން ބިނާ ކުރަން ޒަކާތުފަންޑުން އެހީދެނީ

ޒަކާތް ހައުސްގެ ބައްދަލުވުމެއްގެ ތެރެއިން. ފޮޓޯ: އިސްލާމީ ވުޒާރާ
ރާއްޖޭގައި ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން މަދު ދާއިރާތަކުން ޑޮކްޓަރުން ބިނާ ކުރަން ޒަކާތުފަންޑުން އެހީދޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ ޝަޙީމް މިހެން ވިދާޅުވީ ޒަކާތުފަންޑާއި ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ޑރ ޝަހީމް ވިދާޅުވީ މާތް ﷲ ގެ ރަޙުމަތްފުޅާއެކު، ޒަކާތު ފަންޑުގެ ސްކޮލަރޝިޕް މި ހަފްތާގައި އިޢުލާންކުރެވޭނެކަމަށެވެ.
އެގޮތުން އިސްލާމީ ޢިލްމުގެ މުހިންމު ތަފާތު ދާއިރާތަކުން މާސްޓަރ/ ޕީއެޗްޑީގެ ގިނަ ފުރުޞަތު ހުޅުވައިލެވޭނެ ކަމަށާއި، މީގެ އިތުރުން މިޞްރާއި ސަޢުދީޢަރަބިއްޔާ ފަދަ ޤައުމުތަކުގައި އަމިއްލަ ޚަރަދުގައި އިސްލާމީ ޢިލްމު އުނގެނެމުންދާ ދަރިވަރުންގެ ތެރެއިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް މާލީ އެހީއެއް ވެސް އެއާއެކު އިޢުލާންކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން މެޑިސިންގެ ދާއިރާއިން ސުޕަރ ސުޕެޝަލިސްޓުން މިޤައުމުގައި ނެތް މުހިންމު ބައެއް ބާއިރާތަކަށް ވެސް އެހީ ދެވޭނެ ކަމަށާއި ޒަކާތު ފަންޑުގެ ފީ ސަބީލި ﷲ ބައިން މި ފުރުޞަތުތަކަށް ފަންޑުކުރެވިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންގެ ދީލަތި ކަމާއެކު، ޒަކާތު ފަންޑު އިތުރުވެގެން ދިއުމަކީ އިސްލާމްދީނަށް ލިބިގެން ދިޔަ ނަޞްރެއްކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުތަކަށް ވެސް ޒަކާތު ފަންޑުންޚަރަދު ކުރެވޭނެ ކަމަށާއި، މިކަންކަމަކީ، ދިވެހިރާއްޖޭގެ އިއްޒަތްތެެރި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަންކަމުގެ އިތުރުން ޒަކާތު ފަންޑުގެ ފަޤީރުންނާއި މިސްކީނުންގެ ބައިން ފަޤީރުންގެ ބޭސް ފަރުވާއާއި ކިޑްނީ ޓްރާންސް ޕްލާންޓްކުރުމާއި ބޯން މެރޯ ހެދުމާއި ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ވެސް ހޭދަކުރެވެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
2024 ވަނަ އަހަރު ޒަކާތު ފަންޑަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވެއެވެ. މިއީ ދިވެހި ތާރީޚުގައި އެންމެ ގިނަ ޢަދަދަކަށް މުދަލު ޒަކާތަށް ފައިސާ ލިބުނު އަހަރު ކަން ވަޒީރު ޝަހީމް ފާހަގަކުރެއްވެވިއެވެ.
[ 2025 ގެ ފުރަތަމަ ކުއާޓަރގައި 34 މިލިއަންވަނީ ލިބިފައިވާ ކަމަށާއި އަދި މިއަހަރަކީ ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ވެސް ލިބު އަހަރުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ހަމަ ހަމަ ގޮތެއްގައި ރާއްޖޭގެ ފަޤީރުންގެ މެދުގައި ފިޠުރު ޒަކާތް ފުރަތަމަ ފަހަރަށް ބެހިގެން ދިޔައީ ވެސް މިއަހަރުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ ޝަޙީމް ވިދާޅުވިއެވެ.