ޚަބަރު
ފުލުހުން ކުރިއަށްގެންދާ “ފުރާވަރު ކޭމްޕް”ގެ މިއަަހަރުގެ ފުރަތަމަ ކޭމްޕް ވިލުފުށީ ސްކޫލްގައި ފަށައިފި

ފުރާވަރު ކޭމްޕުގެ ހަރަކާތްތައް. ފޮޓޯ: ފުލުހުން
ސްކޫލް މަދަރުސާ ތަކުގެ ކުދިންނަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ “ފުރާވަރު ކޭމްްޕް” ތ.ވިލުފުށީ ސްކޫލްގައި ފަށައިފިއެވެ.
މި ކޭމްޕަކީ މި އަހަރުގެ ދިރާސީ އައު އަހަރު ފެށިގެން ކުރިއަށް ގެންދާ ފުރަތަމަ ކޭމްޕެވެ. ވިލުފުށީ ސްކޫލުގެ ގްރޭޑް 8 އިން 12 އަށް ތައުލީމު ހާސިލުކުރަމުންދާ ޖުމުލަ 90 ދަރިވަރުންނާއެކު މި ކޭމްޕް ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށެވެ.
މި ކޭމްޕު ކުރިއަށް ގެންދަނީ ވިލުފުށީ ފުލުހުންނާއި ސައުތު ސެންޓްރަލްގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ވިލުފުށީ ސްކޫލާއި، ކައުންސިލާއި، ސިއްހީ މަރުކަޒާއި، ވިލުފުށީ ފެނަކަ އަދި އާރު.ޑީ.ސީ ގޮފީގެ އިތުރުން ވިލުފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމާ އެކުގައެވެ.
މި އަހަރުގެ ކްރައިމް ޕްރިވެންޝަން ޕާޓްނަރުންނަަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ބެންކު އޮފް މޯލްޑިވްސް އަދި ޕްރޮކްސީ ޝޯރޫމެވެ. މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ.
ފުރާވަރު ކޭމްޕަކީ ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ކޭންޕެކެވެ. ވިލުފުށީގައި ކުރިއަށް ގެންދާ މި ކޭންޕުގެ އިތުރުން ވެސްް ފުރާވަރު ކޭންޕު އިތުރު ސްކޫލުތަކުގައި މި ދިރާސީ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް، ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓުގެ ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްސް ޔުނިޓް ހެޑް، އިންސްޕެކްޓްރ އޮފް ޕޮލިސް ހަސަން މަޝްރޫރް ވިދާޅުވިއެވެ.
އެގޮތުން މި މަހު ފަހުކޮޅު ބ. އޭދަފުށީ ސްކޫލު ދަރިވަރުންނަށް މި ކޭމްޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ކ. ގުރައިދޫ، އދ. މާމިގިލި އަދި ސ. ފޭދޫގައި ވެސް މި ކޭމްޕު ކުރިއަށް ގެންދާނެ ކަމަށް ހަސަން މަޝްެރޫރު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މި އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމެނިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ސްކޫލު ދަރިވަރުންނަށާއި، ބެލެނިވެރިން އަދި މުދައްރިސުންނަށް ހާއްސަކޮށްގެން ވެސް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށާ އެގޮތުން އަމާންވެށި ޕްރޮގްރާމް ހއ. ބާރަށް، ރ. ދުވާފަރު އަދި ލ. ގަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިންސްޕެކްޓްރ އޮފް ޕޮލިސް ހަސަން މަޝްރޫރް ވިދާޅުވިއެވެ.
އަދި މާލެއާއި އަތޮޅުތެރެ ހިމެނޭ ގޮތަށް، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށާއި އަމިއްލަ ކުންފުނިތަކާއި ޖަމުއިއްޔާތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން ވެސް މިއަހަރު ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މި ކޭމްޕު ކުރިއަށް ގެންދިއުމުގައި ރަށުގެ މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުންގެ ފަރާތުން ޝުކުރުއަދާކުރަމެވެ.