ޚަބަރު
ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑރ މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަން ޖެހޭ: ވަޒީރު އާދަމް ޝަރީފު

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު
ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ހޮވަން ޖެހޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ ރަށްވެހީންގެ ސައްލާގެ ނަމުގައި، އއ. އުކުޅަހު ކޮންވެންސަން ސެންޓަރގައި މިއަދު ފެށި މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
މި މަޝްވަރާ ބައްދަލުވުމަކީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ، އެންޑް ޕަބްލިކް ވާރކްސްއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވރނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
މި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބްރިޓިޝް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯވއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭސިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވރމަންޓް މިސް ކެމިލާ ސަގްންއާއި، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ މިސް ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސިއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ.
”ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރި ކުރުމުގެ ސަޤާފަތެއް އުފެެއްދުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރައްވަމުން. އެހެންކަމުން ލާމަރުކަޒީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ޑރ މުޙައްމަދު މުޢިއްޒު ދެ ވަނަ ދައުރަކަށް ހޮވަން ޖެހޭ " ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
މި ބައްދަލުވުން ފެށުމުގެ ގޮތުން ވަޒީރު އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގެ ވާހަކަ ދެއްކިއަސް، ރައްޔިތުން ބަލައިގަންނަ ފަދަ ނިޒާމަކަށް ލާމަރުކަޒީ ނިޒާމު ވެފައި ވަނީ ސަރުކާރާއި، ކައުންސިލްތަކުން ކުރެވުނު މަސައްކަތްތަކުގައި ހަރުދަނާ އަދި އޮއްޓަރު ހުރި ކަންތައްތަކެއް ކުރެވިގެން ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެލައްވައެވެ. ބައްދަލުވުން މާދަމާ ރޭގެ ނިއަލަށް ކުރިއަށް ދާނެއެވެ.