Ads by Aqeeqa Maldives

ޚަބަރު

މިއަހަރު ނިމުމުގެ ކުރިން ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރގެ މަސައްކަތް ފެށޭނެ:ޑރ. ނައުފަލް

މިއަހަރު ނިމުމުގެ ކުރިން ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރގެ މަސައްކަތް ފެށޭނެ:ޑރ. ނައުފަލް

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީގެ ސީއީއޯ ޑރ. ނައުފަލް ޢަބްދުލްހާދީ ފޮޓޯ:އެކްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޭޕްރީލު 2025، 01:30

12 އޭޕްރީލު 2025، 01:30

މިއަހަރު ނިމުމުގެ ކުރިން ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީން މިއަދު ހާމަކޮށްފިއެވެ.

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީގެ ސީއީއޯ ޑރ. ނައުފަލް ޢަބްދުލްހާދީ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މި ސެންޓަރު އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ސައިބަރ ހަމަލާތަކަށް އިޖާބަދީ، އެފަދަ ހަމަލާތަކާ ގުޅޭ މަޢުލޫމާތު އެއް އިދާރާއެއްގެ ދަށުން ބެލެހެއްޓުން ކަމަށެވެ.

ސެންޓަރު އުފައްދަނީ މައިކްރޮސޮފްޓް، ގޫގުލް ކަހަލަ ބޮޑެތި ކުންފުނިތަކުގެ ތްރެޓް އިންޓެލިޖެންސް ލިބޭގޮތަށް. މީގެ ސަބަބުން އަސްލު ވިޒިބިލިޓީއެއް މި ލިބެނީ. މިއީ ޕަބްލިކް ސެކްޓަރ މުއައްސަސާތަކުން އަޅުގަނޑުމެންނަށް އެބޭފުޅުންގެ ފީޑް ސިގްނަލްތައް ލިބުނީމަ އެނގޭނެ އެއަންނަ އެޓޭކްތައް. ޕްރޯއެކްޓިވްކޮށް އަޅުގަނޑުމެންނަށް ދާނެ އެކަންތައް ބެލެހެއްޓެމުން

ޑރ. ނައުފަލް 

އޭނާ އިތުރަށް ވިދާޅުވީ މިފަދަ ސެންޓަރެއް ޤާއިމްކުރުމުން 80 އިންސައްތަ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ އުފެއްދެވީ މިދިޔަ އަހަރުގެ މާރިޗު މަހު، ދާޚިލީ ވުޒާރާގެ ދަށުން މަސައްކަތްކުރާ ގޮތަށެވެ. މި އިދާރާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ކަންތައްތަކުގައި ފާރަވެރިވުމާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ.

ޑރ. ނައުފަލް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޕަބްލިކް ސެކްޓަރގެ ސައިބަރ ސެކިއުރިޓީގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށެވެ. އެގޮތުން އެންމެ ބޮޑު އެއް ގޮންޖެހުމަކީ، އިދާރާތައް އެއް މިންގަނޑަކަށް ޢަމަލުކުރަން ޤާނޫނީ އޮނިގަނޑެއް ނެތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، ބޭރުގެ ފަންނީ އިދާރާތަކުގެ އެހީތެރިކަމާއެކު، އައު ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކޮށް، މިހާރު ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ޑރ. ނައުފަލް  ހާމަކުރެއްވިއެވެ. މި އައު ޤާނޫނުގެ ދަށުން، އިދާރާތަކުން ސައިބަރ ހަމަލާތަކުގެ މަޢުލޫމާތު ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީއާ ހިއްސާކުރުން ލާޒިމްވާނެ ކަމަށާއި، އަދި އިދާރާތަކުން ވަކި މިންގަނޑެއް ހިފަހައްޓަންވެސް ލާޒިމްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނީ ބާރުވެރިކަން ލިބުމުން، މޮނިޓަރިންގ ޕަބްލިކް ސެކްޓަރއަށް ލާޒިމްވާނެ. މާނައަކީ އަޅުގަނޑުމެންނަށް ފީޑް ދިނުން ލާޒިމްވާނެ. ހަމައެއާއެކު ކްރިޓިކަލް އިންފްރާސްޓްރަކްޗަރގައި އެބޭފުޅުންނަށް މެންޑޭޓަރީ ކަންތައްތަކެއް ހުންނާނެ. މިސާލަކަށް 2 އަހަރުން އެއްފަހަރު ޕެނިޓްރޭޝަން ޓެސްޓުތައް ހެދުމާއި އޮޑިޓްތައް ހެދުން. މިވަގުތު މަދު މުއައްސަސާއަކުން މި އޮޑިޓްތައް ހަދަނީ

ޑރ. ނައުފަލް

އޭޖެންސީ އުފެދުނު ފަހުން، މިހާރުވެސް ފުލުހުންގެ ފަރާތުން މަޢުލޫމާތު ލިބޭކަން ޑރ. ނައުފަލް ފާހަގަކުރެއްވިއެވެ. ނަމަވެސް އޭޖެންސީގެ މިހާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ނޭޝަނަލް ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު ހިންގަން ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސައިބަރ ސެކިއުރިޓީ ދާއިރާ ހަރުދަނާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ފާހަގަކުރެވެއެވެ. މިގޮތުން، ސަރުކާރުން ވަނީ ޤާނޫނަށް ބަދަލު ގެނެސް، ސައިބަރ މާހައުލުގައި ކުރެވޭ ކުށްތަކަކީ ޖިނާއީ ކުށްތަކުގެ ގޮތުގައި ޤާނޫނުގައި ހިމަނާފައެވެ.


                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS