ޚަބަރު
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ރަށްވެހީންގެ ސައްލާ ފެށިގެން ކުރިއަށްދަނީ

ރަށްވެހީންގެ ސައްލާގެ ބައިވެރިން. ފޮޓޯ: ވުޒާރާ
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ރަށްވެހީންގެ ސައްލާ ފަށައިފިއެވެ.
މިބައްދަލުވުން ފެށިގެން ކުރިއަށް ގެންދަނީ އއ.މަތިވެރީ ކޮންވެންޝަން ސެންޓަރުގައެެވެ. މިއީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވރނަންސާއި، ޔޫކޭ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓާއި އަދި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުމެކެވެ.
މި ބައްދަލުވުން ފައްޓަވައި ދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
މި މަޝްވަރާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބްރިޓިޝް ހައިކޮމިޝަނަރ ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯވއާއި، ޑެޕިޔުޓީ ހެޑް އޮފް ސައުތު އޭސިއާ ރީޖަނަލް ޑިޕާޓްމެންޓް އޮފް ދަ ޔޫކޭ ގަވރމަންޓް މިސް ކެމިލާ ސަގްންއާއި، ޑެޕިޔުޓީ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އޮފް ދަ ޔޫއެންޑީޕީ މިސް ޕެކް ޗްއާން ގާންއާއި އަދި އެލްޖީއޭގެ ސިއީއޯ ބައިވެރިވެވަޑައިގެންނެވިއެވެ.
3 ދުވަހުގެ މުއްދަތަށް އއ. އުކުޅަހުގައި ކުރިއަށް ގެންދާ މި މަޝްވަރާ ބައްދަލުވުމުގައި ވަޒީރާއިއެކު ކުރިއަށް ގެންދާ ނެޓްވާރކިންގ ބައްދަލުވުން ރޭ ވަނީ ބޭއްވިފައެވެ. ރަށްވެހީންގެ ސައްލާގެ ނަމުގައި ކުރިއަށް ގެންދާ މަޝަވަރާ ބައްދަލުވުމުގައި ޕަބްލިކް ޕަރޓިސިޕޭޝަން، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތައް، ކައުންސިލްތަކުން ހިންގާ ޙަރަކާތްތަކުގައި މުޖުތަމަޢުގައި އެކަހެރިކުރެވިފައިވާ ފަރާތްތައްބައިވެރިކުރުވުން، އިފެކްޓިވް ކޮމިޔުނިކޭޝަން، ރައިޓް ޓު އިންފޮމޭޝަން، އޯޕަން ގަވަރމަންޓް، ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އަދި ރައްޔިތުން ބައިވެރިކުރުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި މެދު ބައިވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި ވެއެވެ.
މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ބައެއް ރައީސުންނާއި، މެންބަރުންނާއި އަދި އެސްޖީންނާއެކު ޖުމްލަ 55 ބޭފުޅަކު ބައިވެރިވެލައްވައެވެ. މި ބައްދަލުވުން މާދަމާ ރޭގެ ނިއަލަށް ކުރިއަށް ދާނެއެވެ.