ޚަބަރު
ތަރައްޤީގެ މަޝްރޫޢުތަކަށް ރައްޔިތުންގެ އެއްބާރުލުމަށް ވަޒީރު މުއްޠަލިބް އެދިވަޑައިގެންފި

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ގދ. ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް، ތަރައްޤީއަށް ހިންގޭ މަޝްރޫޢުތައް އެއްބަސްވުމުގައިވާ ގޮތަށް ކުރިއަށް ގެންގޮސް ނިންމާލުމަށް ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންފިއެވެ.
ވަޒީރު ވިދާޅުވިގޮތުގައި، ރާއްޖޭގެ އަހަރީ އާމްދަނީއަކީ 35 ބިލިއަނާއި 40 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ. ނަމަވެސް، މުސާރައާއި އޮފީސްތައް ހިންގުމާއި، ސަބްސިޑީ ދިނުމާއި، ތަޢުލީމާއި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެކަނިވެސް 40 ބިލިއަނެއްހާ ރުފިޔާ ޚަރަދުވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، ލިބޭ އާމްދަނީއަށްވުރެ ރިކަރަންޓް ޚަރަދު ބޮޑުވުމުގެ ސަބަބުން، ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން އަބަދުވެސް ލޯނު ހޯދަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އިމާރާތްކުރުމާބެހޭ ވުޒާރާއިން އެކަނިވެސް 40 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކުގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. އަދި ރަށްރަށުގައި މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގުމަކީ ރާއްޖެ ފަދަ ޤައުމަކަށް ބޮޑު ގޮންޖެހުމެއްކަމަށާއި، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާއި ޚިޔާލު ތަފާތުވުންތަކުގެ އަސަރު ރާއްޖެއަށް ކުރާކަމަށް ފާހަގަކުރެއްވިއެވެ.
"އެ އަންނަ ބަދަލާއެކު ލޯނު ނެގުމަށް ދަތިތަކާ ކުރިމަތިލާންޖެހޭ. އެކަންކަން ރައްޔިތުން ޤަބޫލުކުރުމަކީ އަޅުގަނޑުމެން ވަރަށް އެދޭ ކަމެއް،" ވަޒީރު ވިދާޅުވިއެވެ. އަދި މަޝްރޫޢުތައް ހިންގުމަށް ދުރާލާ ވިސްނައި، ޕްލޭންކޮށް، ގިނަ ފަރާތްތަކަކާ މަޝްވަރާކުރަންޖެހޭކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު އެދިވަޑައިގަތީ، ސަރުކާރުން ކުރާ މިފަދަ ކަންކަމުގައި ރައްޔިތުން ވީހާވެސް ބޮޑަށް އެއްބާރުލުން ދީ، ސަރުކާރަށް ދިމާވާ ގޮންޖެހުންތައް ޤަބޫލުކޮށް، އެއްބާރުލުން ދިނުމަށެވެ. އަދި މަޝްރޫޢުތައް އެއްބަސްވެފައިވާ ގޮތަށް ގެންގޮސް ނިންމާލުމަށް ފުރުޞަތު ދިނުމަށާއި، ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ނޫން ބަދަލުތައް ގެނައުމަކީ ސަރުކާރަށް ދިމާވާ ބޮޑު ގޮންޖެހުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޑރ. ޢަބްދުﷲ މުއްްޠަލިބް އިތުރަށް ވިދާޅުވީ، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ބޭރުގެ އެހީ ހޯދުމުގެ ދަތިކަން ހިމެނޭ ކަމަށެވެ. "ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލޯނު ހޯދުމަށް ކުރިމަތިލާންޖެހޭ ޝަރުޠުތައް އިތުރުވަމުންދާއިރު، އަޅުގަނޑުމެންގެ އިޤްތިޞާދީ ޙާލަތަށް ބަލައި، މި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ," ވަޒީރު ވިދާޅުވިއެވެ.
އަދި ވަޒީރު އިތުރަށް ފާހަގަކުރެއްވީ، ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމެވެ. "ރައްޔިތުންގެ ބޭނުންތަކަށް އަޑުއަހައި، އެ ބޭނުންތައް ފުއްދުމަށް މަސައްކަތްކުރުމަކީ ސަރުކާރުގެ އަމާޒެއް. ނަމަވެސް، ރައްޔިތުންވެސް ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެއް," ވަޒީރު ވިދާޅުވިއެވެ.
ގދ. ފިޔޯރީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢަކީ ރަށުގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. "މި މަޝްރޫޢު ނިމުމުން، ފިޔޯރީގެ މަސްވެރިންނަށާއި ވިިޔަފާރިވެރިންނަށް ފަސޭހަތަކެއް ލިބި، ރަށުގެ ތަރައްޤީއަށް އިތުރު ހިތްވަރެއް ލިބިގެންދާނެ," ވަޒީރު ވިދާޅުވިއެވެ.
ނިންމާލަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޤްޞަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ޤައުމުގެ ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުން ކަމަށެވެ. "އަޅުގަނޑުމެން އެންމެން އެއް އަމާޒަކަށް މަސައްކަތްކޮށްގެން، މި ގޮންޖެހުންތަކުން އަރައިގަނެ، ފާގަތި މުސްތަޤުބަލެއް ބިނާކުރެވޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން," ވަޒީރު ވިދާޅުވިއެވެ.