Ads by Aqeeqa Maldives

ޚަބަރު

މިއަހަރުގެ މިހާތަނަށް ޒަކާތު ފައިސާގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވޭ

މިއަހަރުގެ މިހާތަނަށް ޒަކާތު ފައިސާގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވޭ

ޒަކާތް ބަލައިގަތުން ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޭޕްރީލު 2025، 11:36

12 އޭޕްރީލު 2025، 11:36

މިއަހަރުގެ މިހާތަނަށް ޒަކާތު ފައިސާގެ ގޮތުގައި 34.7 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު މިޢަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު %47.6 ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގެ ތެރޭގައި ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 23.5 މިލިއަން ރުފިޔާއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު މުދަލު ޒަކާތުގެގޮތުގައި 23.5 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު 14.1 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 66.6% އިތުރު އަދަދެކެވެ.

މިއަހަރުގެ 3 މަސް ދުވަސްތެރޭ މުދަލު ޒަކާތުގެގޮތުގައި ލިބުނު އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބިފައިވާ އަދަދަކީ ރާއްޖޭގެ ތާރީޚުގައިވެސް އެއް އަހަރެއްގެތެރޭ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އެންމެ ބޮޑު ޢަދަދެވެ.

އެގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 101.9 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، މިއީ 2023ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ލިބުނު 90.2 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު %12.9 އިތުރު އަދަދެކެވެ.

މިދިޔަ ޖަނަވަރީމަހުގެ 22 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 8،800.05ރ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ އަންގައިފައެވެ. މީގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 9240.35ރ އެވެ. މުދަލުޒަކާތުގެ ނިޞާބަކީ، މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިއްސަށެވެ. ދިވެހިރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.

ޒަކާތް ނެރުން ވާޖިބުވާނީ މުދަލުގައި ނިޞާބު ހަމަވެ އަދި އެ މީހެއްގެ މިލްކިއްޔާތުގައި އެމުދަލެއް ހުރެ ހިޖްރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ. 2016ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަތުން ވަނީ މީރާއަށް ބަދަލުކޮށްފައެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS