ޚަބަރު
ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ޤާޟީ: ވަޒީރު ޝަޙީމް

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. ފޮޓޯ: އިސްލާމީ ވުޒާރާ
ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެެދު ގޮތް ނިންމަންވާނީ ޤާޟީ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިހެން ވިދާޅުވެފައިމިވަނީ ދާދި ފަހުން ރޯވެ އަނދައި އަޑިއަށްދިޔަ ހޮޅުދޫ ބޯޓުން ގެއްލުން ޒުވާނާ މަރުވި ކަމަށްނިންމައި އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަށް ނިންމުމުން އެކަމާއިމެދު ސުވާލު އުފެދި ގިނަ ބަޔަކު ސުވާލު ކުރަމުންދާތީ އެވެ.
ވަޒީރު ޝަހީމް ވަނީ މިކަމުގައި އޮންނަ ޝަރުޢީ ޙުކުމް ވަރަށް ތަފްސީލް ކޮށް ބުނެދެއްވައިފައެވެ.
ވަޒީރު ވިދާޅުވެފައިވަނީ މިފަދަ ޙާލަތުގައި އެމީހާ ގެއްލުމާއި މަރާމެދު އޮތް މައްސަލަ ހުށަހަޅަންވާނީ ޤާޟީއަށް ކަމަށެވެ. އަދި ކަން ހިނގައި ދިޔަ ގޮތް ބަލައި އޭނާ މަރުވެއްޖެ ކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ، އެހާރުން އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަކީ ހުއްދަކަމެއް ކަަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
“މިކަމުގައި ޤާޟީގެ ޙުކުމެއް އޮންނަންޖެހޭ ސަބަބަކީ މަރަކީ އޭގެ މައްޗަށް ޝަރުޢީ ވަރަށް ގިނަ ކަންކަން ތަރުތީބުވާ ކަމަކަށް ވުން، މިސާލަކަށް ގެއްލިފައިވާ މީހަކު ނަމަ އެމީހާއަކީ މީހަކާ އިނދެގެން އުޅޭ މީހަކު ކަމުގައި ވެސް ވެދާނެ. ނުވަތަ ދަރީން ތިބި މީހަކު ކަމުގައި ވެސް ވެދާނެ. ނުވަތަ މައިންބަފައިންނާއި އެއްބަނޑު މީހުން ތިބި މީހެއްކަމުގައި ވެދާނެ. އެމީހުންނަކީ އޭނާގެ ވާރުތަ ވެރިން. އޭނާއަކީ އެމީހުންގެ ވާރުތަ ވެރިއެއް. މަރުވެއްޖެ ކަމަށް ކަނޑައެޅިއްޖެ ނަމަ މިހުރިހައިކަމެއްގެ ޙުކުންތަކަށް ޝަރުޢީ ގޮތުން އަސަރުކުރާނެ” ވަޒީރު ދުކްތޫރް ޝަޙީމް ވިދާޅުވެފައިވެއެވެ.
ވަޒީރު ވިދާޅުވީ އޭނާގެ އަނތްބަކު ވާނަމަ، އެކަނބުލޭގެ ޢިއްދަ ހަމަކޮށް އެހެން މީހަކާ އިނުން ހުއްދަވާނެ ކަމަށާއި، ގެއްލުނުމީހާ ވުޖޫދުގައި ނެތް މީހަކަށްވާނެކަމަށެވެ.
އަދި ޤާޟީގެ މި ޙުކުމަށް ފަހު، ދުވަސްތަކެއް ފަހުން އޭނާ އެނބުރި އަތުވެއްޖެ ނަމަ އެ ދެމެދުގައި އޭނާގެ ކަންކަމާ މެދު ހިނގާފައިވާ ކަންކަން ޞައްޙަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“އޭނާގެ އަނބިމީހާ ވެސް އެހެން މީހަކާ އިނދެގެން ހުރެއްޖެ ނަމަ އަނބުރައި އޭނާގެ ގާތަށް ދިއުމެއް ނެތް” ވަޒީރު ވިދާޅުވެފައިވެއެވެ.
ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައި ވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަންވާނީ ޤާޟީ ކަމަށާއި ވީމާ ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ޤާޟީ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤާޟީ ގޮތް ނިންމާނީ ގެއްލުނު ޙާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަން ކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ޤާޟީ ކަނޑައަޅައިފި ނަމަ އޭނާގެ މައްޗަށް ކަށު ނަމާދު ކުރެވިދާނެކަމަށްވެސް ވަޒީރު ޝަހީމް ވިދާޅުވިއެވެ.
އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ބައެއް އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި ގެއްލިފައިވާ މީހާ މެދު ޙުކުމެއް ކަނޑައަޅަންވާނީ ގެއްލުނުތާ ހަތަރު އަހަރު ފަހުން ކަމަށާއި، ނަމަވެސް ކަނޑަށް ވެއްޓި ގެެއްލިފައިވާ މީހާ، މަރުވެފައިވާ ކަމަށް ބޮޑަށް ބުރަވެވޭ ނަމަ ހަތަރު އަހަރު ނުވިޔަސް ޤާޟީ އަށް ގޮތެއް ކަނޑައެޅިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވަޒީރު ދުކްތޫރު މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.