ޚަބަރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށްމަރުވާން މަސައްކަތް ކުރި މީހާ ނިޔާވެއްޖެ

ކުޅުދުއްފުށި ސިޓީ. ފޮޓޯ: އަބޫއިޝް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތްކުރި މީހާ ނިޔާވެއްޖެއެވެ.
އުމުރުން 34 އަހަރުގެ މި ފިރިހެންމީހާ އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެ މިހިނގާ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ރޭ 21:12 ހާއިރު އެވެ.
އެވަގުތު އެނާގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފަރުވާ ދޭން ފަށައިފައިވެއެވެ. ފަރުވާދެމުންދަނިކޮށް އޭނާ ނިޔާވެފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
އުމުރުން 34 އަހަރުގެ އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައެއްގައި އޭޕްރިލް 2 ވަނަ ދުވަހު ހައްޔަރުކުރި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއެކު ކަމާ ބެހޭ މައުލޫމާތުތައް ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
މީގެއިތުރުން މި ހާދިސާ ތަހުގީގުކުރަން ފުލުހުންގެ މޭޖާ ކްރައިމްސް ޑިޕާޓްމަންޓުގެ ފުލުހުންގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ޓީމުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.