ޚަބަރު
ބައިނަލްއަޤްވާމީ ފެންވަރުގެ ސްވިމިންގ ޕޫލްގެ ބިންގާ އަޅައިފި

ސްވިމިންގ ޕޫލްގެ ބިންގާ އެޅުން ފޮޓޯ: ޕީއެސްއެމް ނިއުސް
ހުޅުމާލޭގައި އަލަށް އިމާރާތްކުރަމުންދާ ސްވިމިންގ ކޮމްޕްލެކްސްގެ ބައިނަލްއަޤްވާމީ ފެންވަރުގެ ސްވިމިންގ ޕޫލުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ޕޫލުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު (ޗެމްޕީ) އާއި، މި ޕޫލް އެސޯސިއޭޝަނަށް ހަދިޔާކުރި ޗަމްޕާ ޙުސައިން ޢަފީފް އަދި ބައިނަލްއަޤްވާމީ ފެތުމުގެ މުބާރާތަކުން ރާއްޖެއަށް ފުރަތަމަ މެޑެލް ހޯދައިދިން އާމިނަތު ސަޖަންއެވެ.
ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ކޮމްޕްލެކްސްގައި 50 މީޓަރު އަދި 25 މީޓަރުގެ ދެ ޕޫލް ހިމެނޭނެއެވެ. މި މަޝްރޫޢު ކުރިއަށްދަނީ މާލާ ހައިރައިޒް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެންނެވެ. އަދި މި އަހަރުގެ ނޮވެންބަރު މަހު މަސައްކަތް ނިމޭނެކަމަށް އަންދާޒާކުރެވެއެވެ.
ހަތަރު ބުރިއަށް އިމާރާތްކުރެވޭ މި ކޮމްޕްލެކްސްގައި ޒަމާނީ ވަސީލަތްތަކާއެކު ފެތުންތެރިންގެ ތަމްރީނުތަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ހިމެނޭނެއެވެ. މީގެ އިތުރުން ހައިޖަމްޕް ފެސިލިޓީއެއްވެސް ހިމެނޭނެއެވެ. މި ކޮމްޕްލެކްސްއަކީ އެއްފަހަރާ 1500 މީހުންނަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކުރެވޭ ތަނެކެވެ.