ޚަބަރު
"އިސްކުރާނީ ދިވެހިބަސް" - މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިއާރު

ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް ފޮޓޯ:އިންޓަނެޓް
ދިވެހިބަހުގެ އެކަޑަމީން މި އަހަރުގެ ދިވެހިބަހުގެ ދުވަހުގެ ޝިއާރު ކަނޑައަޅައިފިއެވެ. މިގޮތުން މި އަހަރުގެ ޝިއާރަކީ "އިސްކުރާނީ ދިވެހިބަސް" އެވެ. ދިވެހިބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ.
ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި މި އަހަރުގެ ޝިއާރު ކަނޑައެޅުމުގެ މަޤްޞަދަކީ ތަންތަނަށް ނަން ކިޔުމާއި މުބާރާތްތަކާއި އެކިއެކި ހަރަކާތްތައް ހިންގާއިރު އެހެން ބަސްބަހުން ނަން ކިޔުން އާއްމުވެފައިވާތީ، އޭގެ ބަދަލުގައި ދިވެހިބަހުން ނަން ދިނުމަށް ހިތްވަރު ދިނުމެވެ.
ޑރ. އަޝްރަފް އިލްތިމާސް ކުރެއްވީ ސަރުކާރާއި ކުންފުނިތަކާއި ސުކޫލުތަކާއި އޮފީސްތަކާއި ޖަމިއްޔާތަކުން ބާއްވާ މުބާރާތްތަކާއި ހަރަކާތްތަކަށް ދިވެހިބަހުން ނަން ކިޔުމަށެވެ.
މިދިޔަ އަހަރު ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުގެ އޮފީސްތަކަށް ހުޅުވާލައިގެން އަތު ލިޔުމުގެ މުބާރާތެއް ބޭއްވުނެވެ. މި މުބާރާތުން ދިހަ ލިޔުމެއް ހޮވައި، ކޮންމެ ލިޔުމަކަށް 500 ރުފިޔާގެ ފައިސާ އިނާމާއި ސެޓްފިކެޓެއް ދެވުނެވެ. މި މުބާރާތަކީ ކޮންމެ އަހަރެއްގެ ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކަޑަމީން އިންތިޒާމުކޮށް ބާއްވާ މުބާރާތެކެވެ.
ދިވެހިބަހުގެ އެކަޑަމީގެ އިތުރުން ސުކޫލުތަކުން ވެސް ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި އެކި ހަރަކާތްތައް ބާއްވައެވެ. މި ހަރަކާތްތަކުގެ މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ދިވެހިބަހަށް ލޯބި ޖެއްސުމާއި ދިވެހިބަސް ދިރުވައި އާލާކުރުމެވެ.