ޚަބަރު
ތައިލެންޑަށް ފުރުމުގެ ތިން ދުވަސްކުރިން ދިވެހިން ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރަން އިލްތިމާސްކޮށްފި

އެއަޕޯޓަށް ފުރަން ގޮސް ތިބިބައެއް
ތައިލެންޑަށް ދަތުރުކުރާ ދިވެހިން ފުރުމުގެ ތިން ދުވަސްކުރިން ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރަން ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
މިގޮތައް ޚާރިޖިއްޔާއިން އިލްތިމާސްކޮށްފައި މިވަނީ ތައިލެންޑްގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެނެވެ. މިބަލާއި ގުޅިގެން 1 މޭ 2025 އިން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ވަނީ ހަމަޖައްސާފައެވެ.
މިކަމާއި ގުޅިގެން އެވުޒާރާއިން ބުނެފައިވަނީ މި އޮންލައިން ފޯމް ފުރިހަމަ ކުރަންޖެހޭނީ ލިންކް މެދެވެރިކޮށް ފުރުމުގެ 3 ދުވަސް ކުރިން ކަމަށެވެ.
ތައިލެންޑުން މިހެން ހަމަޖެއްސި ނަމަވެސް މީގެ ސަބަބުން، ރާއްޖެއާއި ތައިލެންޑްއާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށްވެސް އެވުޒާާރާއިން ބުނެެެއެވެ. އަދި ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެއެވެ.
އެހެންކަމުން ތައިލެންޑަށް ދަތުރުކުރައްވާ ފަރާތްތަކުން، ދިވެހިރާއްޖެއިން ފުރައިވަޑައިގަތުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުއްވުމަށް ޚާރިޖިއްޔާއިން އިލްތިމާސްކުރެއްވިއެވެ.
އަދި ރާއްޖެއިން ބޭރުގައި އުޅުއްވާއިރު އެޤައުމެއްގެ ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.