ޚަބަރު
5 ސިޔާސީ ޕާޓީއަކަށް 27.9 މިލިޔަން ރުފިޔާ ދޫކުރަނީ

ރިޔާސީ އިންތިޚާބެއްގެ ކެމްޕޭނު ދުވަސްވަރު މަގުމަތީގައި ދަމާފައި ހުރި ކެމްޕޭނު ސާމާނުތަކެއް. ފޮޓޯ: ޓައިމްސް އޮފް އައްޑޫ
5 ސިޔާސީ ޕާޓީއަކަށް 27.9 މިލިޔަން ރުފިޔާ ދޫކުރަން ނިންމައިފިއެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ނިންމަވާފައިވާ ސިޔާސީ ޕާޓީތަކަކީ ދައުލަތުގެ ބަޖެޓު މިއަހަރަށް ފާސްކުރިއިރު، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކެވެ. މި ޕާޓީތަކަށް ޖުމްލަ 27،911،256 ރުފިޔާ ދޫކުރުމަށް އިލެކްޝަނަސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާގޮތުން، ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުޠު ހަމަވާނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ.
އިލެކްޝަނުން ބުނެފައިވަނީ، 2023 ޑިސެމްބަރ 13 ވަނަ ދުވަހު ބަޖެޓް ފާސްކުރިއިރު، ދިހަހާސް މެންބަރުން ހަމަވަނީ، އެމް.ޑީ.ޕީ، ޕީޕީއެމް، ޖޭޕީ، ޕީ.އެންސީ، އެމް.ޑީ.އޭ އަދި ޢަދާލަތު ޕާޓީގައި ކަމަށެވެ.
ފައިސާ ދޫކުރާ ޕާޓީތަކާއި ޢަދަދު:
- މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 8.4 މިލިޔަން ރުފިޔާ
- ޖުމްހޫރީ ޕާޓީ(ޖޭޕީ): 2.6 މިލިޔަން ރުފިޔާ
- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 1.7 މިލިޔަން ރުފިޔާ
- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ): 13.3 މިލިޔަން ރުފިޔާ
- އަދާލަތު ޕާޓީ (އޭޕީ): 1.7 މިލިޔަން ރުފިޔާ
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ޕާޓީތަކަށް ފައިސާ ކަނޑައަޅާފައިވަނީ ބޮލަކަށް 193.23 ރުފިޔާގެ މަގުންކަމަށެވެ. އެއީ ޖުމުލަ 144،808 ޕާޓީ މެންބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ.