ވިޔަފާރި / ޚަބަރު
ދިވެހި އުފެއްދުންތައް ޗައިނާގެ ބާޒާރުގައި ދައްކާލުމުގެ ފުރުސަތު ހުޅުވާލައިފި

ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަން ފޮޓޯ:އިންޓަނެޓް
ދިވެހި އުފެއްދުންތައް ޗައިނާގެ ބާޒާރުގައި ދައްކާލުމުގެ ފުރުޞަތު ލިބިގެންދާ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުޞަތު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި، ދިވެހި އުފެއްދުންތައް އެގްޒިބިޓް ކުރުމުގެ ފުރުޞަތުގެ އިތުރުން، އުފެއްދުންތައް ގަތުމުގެ ފުރުޞަތުވެސް ދިވެހި ރާއްޖޭގެ ވިޔަފާރިތަކަށް ލިބިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިއެވެ. މިއީ ޗައިނާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ހުޅުވާލާފައިވާ ފުރުޞަތެއްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިސީ އޮފިސަރ މުސްތަފާ ޢަބްދުﷲ ވިދާޅުވީ، ސީއެސްއޭ އެކްސްޕޯ އަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ވިޔަފާރިތަކާއި އަދި އާންމު ފަރާތްތަކުންވެސް ޒިޔާރަތްކުރާ އެކްސްޕޯއެއްކަމަށެވެ. އަދި މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކިއެކި ހަރަކާތްތައް ބޭއްވޭނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ވަަރަށް ބޮޑު މާކެޓެއްގެ ވާހަކަ މި ދައްކަނީ. ޗައިނާގައި ބާއްވާ މި އެކްސްޕޯއަކީ ހަމައެކަނި ޗައިނާގެ ބޭފުޅުންނެއް ނޫން މީގަ މިދަނީ. މިތަނަށް އެބައާދޭ ސައުތު-އޭޝިއާގެ ހުރިހާ ޤައުމެއްވެސް މި އެކްސްޕޯގައި ބައިވެރިވަމުންދޭ. އެހެންވީމަ މިއަންނަ ހުރިހާ އެގްޒިބިޓާސްއާއި ޕްރޮފެޝަނަަލް ބަޔަރސްއާއި ގުޅުވައިދޭ އެކިއެކި ފޯރަމްތައް މި އެކްސްޕޯގެ ތެރޭގައި ކުރިއަށްދާނެ. މީގެ ސަބަބުން ރަނގަޅު މާކެޓަަކަށް އެއްޗެތި ވިއްކާ އޯޑަރތަކެއް ޕްލޭސްކުރުމުގެ ފުރުސަތު ލިބިގެންދާނެ." މުސްތަފާ ޢަބްދުﷲ ވިދާޅުވިއެވެ.
މިއަންނަ ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯގެ ސަބަބުން ދިވެހިންގެ އުފެއްދުންތައް ބޯޑަރު ހުރަސްކޮށް އެހެން ޕްލެޓްފޯމްތަކާ ހިސާބަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މުސްތަފާ ވަނީ ފާހަގަކުރައްވާފައެވެ. އަދިކުރީ އަހަރުތަކާ ޚިލާފަށް، ރާއްޖެއިން ބޭރުގައި ދިވެއްސަކު އުފައްދާފައިވާ އުފެއްދުންވެސް މިއެކްސްޕޯގައި ބައިވެރިކުރުމުގެ ފުރުޞަތު މިއަހަރު ލިބޭނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވިޔަފާރިވެރިންގެ އުފެއްދުންތައް ޗައިނާއަށް ގެންދިއުމުގައި ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް މުސްތަފާ ވިދާޅުވިއެވެ. އެގޮތުން ވުޒާރާއަށް އެޕްލިކޭޝަން އަންނަ ހިސާބުން ފެށިގެން އެބޭފުޅުންގެ މަޢުލޫމާތުތައް ޗައިނާގެ މިއެކްސްޕޯ އިންތިޒާމްކުރާ ފަރާތަށް ފޮނުވޭނެކަމަށާއި، އެކޮޅުން ހަމަޖައްސަންޖެހޭ އިންތިޒާމްތައްވެސް ހަމަޖައްސައިދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 14 އެޕްރީލް 2025 ގެ ކުރިން [email protected] އީމެއިލްކުރެވޭނެކަމަަށް މުސްތަފާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަށް ބޫތު ލިބޭ މިންވަރަށްބަލައި، މި އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސަވައިދެއްވާނެކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.