ޚަބަރު
ރަމަޟާން މަހަށްފަހު ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފަށާނެ: ސްޓެލްކޯ

ސްޓެލްކޯގެ މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ | ފޮޓޯ: ޗޮޕްއާޓް
ރަމަޟާން މަސް ނިމުމަށްފަހު ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ އިން ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، ސްމާރޓް މީޓަރގެ ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުކަމާއި އެކު މިހާރު ނިންމާލާފައިވާ ކަމަށެވެ. އެހެންކަމުން، މިހާރު އެ ކުންފުނިން ތައްޔާރުވަމުން އަންނަނީ ސްމާރޓް މީޓަރ ހަރުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްކަމަށް އިބްރާހިމް ނާޝިދު ވިދާޅުވިއެވެ. މީގެ އިތުރުން ނާޝިދު ވިދާޅުވީ، މި މަހުގެ ތެރޭގައި ސްމާރޓް މީޓަރގެ ޝިޕްމަންޓް ރާއްޖެއަށް ލިބޭނެ ކަމަށެވެ. އަދި މި ހިނގާ ރަމަޟާން މަސް ނިމުމުން ގޭބީސީތަކުގައި ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށްގެންދާނެކަމަށް ނާޝިދު ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ، ސްމާރޓް މީޓަރ މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ 15 މީޓަރުން ކަރަންޓު ހޭދަވާ މިންވަރު އަމިއްލައަށް ބަލާލެވޭނެ ކަމަށެވެ. އެގޮތުން، ކޮންމެ ކަސްޓަމަރަކަށްވެސް އެބޭފުޅެއްގެ ކޮންސަމްޝަން ދުވާލުގެ 15 މިނެޓަކުން 15 މިނެޓަކުން އަޕްޑޭޓް ވެގެންއަންނާނެ ކަމަށް ނާޝިދު ވިދާޅުވިއެވެ. މީގެ އިތުރުން، ޔޫސޭޖް އަންނަ ވަރު ދެނެގަތުމަށް ކޮންމެ ގަޑިއިރަކު 4 ޑޭޓާ ޕޮއިންޓް ލިބޭނެ ކަމަށް ނާޝީދު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހަކަމެއްލިބިގެންދާނެ ކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، މި ޕްރޮޖެކްޓަކީ މިހާރު އެ ކުންފުނިން ހިންގަމުން އަންނަ އެންމެ ބޮޑު ޕްރޮޖެކްޓު ކަމަށެވެ. އަދި އެ ކުންފުނީގެ އަމާޒަކީ 1 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމާލައި، ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާރޓް މީޓަރުތަކަކަށް ބަދަލުކުރުން ކަމަށް ނާޝިދު ވިދާޅުވިއެވެ.
ސްޓެލްކޯ އިން ވިދާޅުވީ، އެ ކުންފުނިން މަސައްކަތް ކުރުމަށް ނިންމާފައިވަނީ އެއްފަހަރާ ގިނަ ސަރަހައްދުތަކުގައި މި ޕްރޮޖެކްޓް ފެށުމަށް ކަމަށެވެ.