ޚަބަރު
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވެއްޖެ

ދިވެހި ސިފައިން/ ފޮޓޯ: މިހާރު
ސިފައިންނާ ފުލުހުން އިތުރުކުރުމަށް ހިންގޭ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމު ފެށުމަށް ތައްޔާރުވެއްޖެއެވެ. ސްކޫލްނިމޭ ދަރިވަރުންނަށް އަމާޒުކޮށްގެން މި ޕްރޮގްރާމު ހިންގެވުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައި ވަނީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
ސިފައިން އިތުރުކުރުމަށް ޤައުމީ ޚިދުމަތުގެ ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައި ވަނީ، ޤައުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމުގެ ތެރެއިން އަސްކަރީ އަދި ދިފާޢީ ބާރު އިތުރުކުރޮށް ވަރުގަދަ ކުރެއްވުމުގެ ބޭނުމުގައެވެ. މިގޮތުން، އަސްކަރީ އަދި ދިފާޢީ ބާރު ވަރުގަދަކުރުމަށް ކުރާ މަސައްކަތުގައި ޒަމާނާ އެއްގޮތަށް މުހިއްމު ފެންވަރަކަށް ތަރައްޤީކުރެއްވުމަށް އެމަނިކުފާނު ޚާއްސަ އިސްކަމެއްދެއްވައެވެ.
ސްކޫލް ނިމޭ ދަރިވަރުންގެ ތެރެއިން ވަޒީފާއެއް ނުލިބި ނުވަތަ މަތީ ތައުލީމުގެ ފުރުޞަތު ނުލިބޭ ކުދިންގެ އަދަދު އުޅެނީ 2000އަށް ވުރެ މަތީގައެވެ. އެކުދިންނަށް އަމާޒުކޮށްގެން މި މަސައްކަތް ފެށުމަށް، އިދާރީ ކަންކަން ފަށަން، ރައީސް އޮފީހުގައި ސެކްޝަނެއް ހަދައި މީހުން ހޯދަން މިހާރު ވަނީ އިޢުލާންކޮށްފައެވެ.
އެހެންނަމަވެސް އެކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބި، މިލިޓަރީ ތަމްރީން ދެވި، ރަނގަޅު ބަޔަކަށް ހެދި ވަޒީފާ ލިބޭ ބަޔަކަށް ހެދިއްޖެނަމަ އެއީ އެކުދިންނަށްވެސް އާއިލާތަކަށްވެސް ޤައުމަށްވެސް ސިފައިންގެ ހިދުމަތަށްވެސް ލިބޭނެ ބޮޑު ކުރިއެރުމަކަށްވާނެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ އާދިއްތަ ދުވަހުގެ 1:00އެވެ.
މަގާމުގެ ޝަރުތު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ މީހުން އިންޓަވިއުކުރެވޭނެކަމާއި، އެހެން އެޕްލިކެންޓުންނަށް އިންޓަވިއުއަށް ނުކިޔާނެކަމަށް އިއުލާނުގައިވެއެވެ.
އުމުރުން 16 އަހަރުން މަތީގެ ކުދިންނަށް ޤައުމީ ޚިދުމަތުގެ ޕްރޮޖެކްޓުގައި ބައިވެރި ވެވޭނެކަމަށާއި، މިކަމާގުޅޭ ޤާނޫނެއް އެކުލަވައިލުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. ކޮންމެ އަހަރަކު ވެސް މި ޕްރޮގުރާމު ކުރިއަށްގެންދިޔުމަށް ރައީސް ނިންމަވާފައިވާއިރު، 400 ރުފިޔާގެ ބަޖެޓެއް ކޮންމެ އަހަރަކުވެސް މި ހަރަކާތަށް ޚާއްޞަކުރެވިފައިވާނެކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ސަބަބުން ސިފައިންގެއަށް 4،000 މީހުން އަދި ފުލުހުންގެ ޚިދުމަތަށްވެސް 1،000 މީހުން އަލަށް ގުޅޭނެކަމަށެވެ.