ދުނިޔެ

ހޫޘީން އަދަނާ ދިމާލަށް ކުރިއަރަމުން ދަނިކޮށް، ޔަމަނުގެ އަސްކަރިއްޔާއިން 661 ހަމަލާ ދީފި

ހޫޘީން އަދަނާ ދިމާލަށް ކުރިއަރަމުން ދަނިކޮށް، ޔަމަނުގެ އަސްކަރިއްޔާއިން 661 ހަމަލާ ދީފި

ޔަމަނުގެ ހަނގުރާމަވެރިއެއް. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ނޮވެމްބަރު 2026، 04:13

17 ނޮވެމްބަރު 2026، 04:13

ޔަމަނުގެ ދެކުނު ހުޅަނގުގެ ބައެއް ސަރަހައްދުތަކަށް ހޫޘީ ހަނގުރާމަވެރިން ކުރިއަރަމުން އަންނަ ދަނޑިވަޅެއްގައި، އެ ޖަމާއަތުގެ އަމާޒުތަކަށް ސަރުކާރުގެ އަސްކަރިއްޔާއިން 661 ހަމަލާއެއް ދީފައިވާ ކަމަށް ޔަމަނުގެ ސިފައިން ބުނެފިއެވެ.

 ސަރުކާރުގެ ފައުޖުތަކުން ކުރިއަށްގެންދާ އަސްކަރީ ކެމްޕޭނުގެ ދަށުން އެކި ފްރަންޓްތަކުގައި ދިން މި ހަމަލާތަކުގައި ހޫޘީންގެ 173 ހަނގުރާމަވެރިން މަރުވެ ނުވަތަ ޒަޚަމްވެފައިވާ ކަމަށް އަސްކަރިއްޔާއިން މައުލޫމާތު ދެއެވެ.

ޔަމަނުގެ އަސްކަރީ ތަރުޖަމާނު ކާނަލް މަޖިދް އަލްނުޒައިލީ ހޯމަ ދުވަހު ވިދާޅުވީ، "ޑޯން އޮފް ޔަމަން" (ޔަމަނުގެ ފަތިސް) ގެ ނަމުގައި ހިންގާ އޮޕަރޭޝަންގެ ދަށުން ދިން ހަމަލާތަކުގެ ތެރޭގައި ވައިގެ މަގުން ދިން 15 ހަމަލާއަކާއި، އާޓިލަރީގެ 526 ހަމަލާ، ޑްރޯން ބޭނުންކޮށްގެން ދިން 53 ހަމަލާ އަދި 67 ރޮކެޓް ހަމަލާ ހިމެނޭ ކަމަށެވެ. އެކްސްގައި އޭނާ ހިއްސާކުރެއްވި ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި، މި ހަމަލާތަކުގައި އަސްކަރީ 71 އުޅަނދާއި އިކުއިޕްމަންޓްގެ އިތުރުން ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކާއި، ފާރަލާ ޕޯސްޓްތަކާއި ބަންކަރުތައް ވަނީ ހަލާކުކޮށްލާފައެވެ.

އަލްނުޒައިލީ ވިދާޅުވި ގޮތުގައި ޕޮޕިއުލާ ރެސިސްޓެންސްގެ އެހީތެރިކަމާއެކު ސަރުކާރުގެ ފައުޖުތަކުން އަންނަނީ ތާއިޒް، މާރިބް އަދި އަލްޖައުފް ޕްރޮވިންސްތަކުގައި ހޫޘީން ހަރަކާތްތެރިވާ ސަރަހައްދުތަކާ ކުރިމަތިލަމުންނެވެ. އަދި ދެކުނުގެ ފްރަންޓްތަކުގައި ވެސް އަސްކަރީ އޮޕަރޭޝަންތައް ހިނގަމުންދާ ކަމަށާއި، އާންމުންނާއި އާންމު ޚިދުމަތްދޭ ތަންތަން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލްވަންދެން ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް އަސްކަރިއްޔާއިން ބުންޏެވެ.

މި އޮޕަރޭޝަންތައް ވަރުގަދަކޮށްފައި މިވަނީ ބާބުލްމަންދަބު ކަނޑުއޮޅި ކައިރީގައި ހުރި ސްޓްރެޓީޖިކް މުހިންމު ސަރަހައްދުތަކުން ސަރުކާރުގެ ފައުޖުތަކަށް ފަހަތަށް ޖެހެން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައެވެ. ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުގެ ވަގުތީ ވެރިރަށް އަދަން ދިފާއުކުރުމަށްޓަކައި ސިފައިން މިހާރު ދަނީ އަލުން ތަރުތީބުވަމުންނެވެ. އަލްޖަޒީރާއިން ރިޕޯޓްކުރި ގޮތުގައި، ރަތްކަނޑުގެ އައްސޭރިފަށުގައި އޮތް ސަރުކާރުގެ މައި ސަޕްލައި މަގެއް ހޫޘީން ބަންދުކުރުމާ ގުޅިގެން ސިފައިންނަށް ބައެއް ޕޯސްޓްތައް ދޫކޮށްލަން ޖެހިފައިވާއިރު، އަދަނާ ދިމާލަށް ހޫޘީން ހަމަލާއެއް އަމާޒުކޮށްފާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.

ހަނގުރާމައިގެ މައިދާނުގައި ހަމަލާތައް ވަރުގަދަވަމުންދާ މި ދަނޑިވަޅުގައި، ޔަމަނުގެ ގާނޫނުހަދާ މަޖިލީހުން ވަނީ އިއްތިފާގުން ބިލެއް ފާސްކޮށް، ހޫޘީންނަކީ "ޓެރަރިސްޓް ޖަމާއަތެއް" ކަމަށް ކަނޑައަޅައި، އެ ޖަމާއަތުގެ ހަރަކާތްތަކާއި، ފައިސާ ހޯދުމާއި ހަތިޔާރު ފޯރުކޮށްދިނުން ޖިނާއީ ކުށަކަށް ހަދާފައެވެ. ދައުލަތުގެ ސަބާ ނިއުސް އެޖެންސީން ބުނި ގޮތުގައި، މި ބިލުގެ ދަށުން އެ ޖަމާއަތާ ގުޅުންހުރި މީހުންނަށް ދައުވާކުރުމާއި، މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އިތުރުން، އާންމުންނަށް ހަމަލާދިނުމާއި ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމުގެ ކުށްތަކަށް ދެވޭ އަދަބުތައް ވަނީ ހަރުކަށިކޮށްފައެވެ.

މި ގާނޫނު ތަންފީޒުކުރުމަށްޓަކައި ޔަމަނުގެ ޕްރެޒިޑެންޝަލް ލީޑަޝިޕް ކައުންސިލްގެ ޗެއާމަން ރަޝާދު އަލްއަލީމީއަށް މިހާރު ވަނީ ހުށަހަޅާފައެވެ. ވެރިރަށް ސަންޢާ ހިމެނޭހެން ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް އަނބުރާ ހޯދުމަށް ސަރުކާރުގެ ފައުޖުތަކުން އޮކްޓޯބަރު 5 ގައި ފެށި "ޑޯން އޮފް ޔަމަން" އޮޕަރޭޝަނަށް މިހާރު ވަނީ 6 ހަފުތާ ވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450