ދުނިޔެ
ދިރިހުރެ އެނބުރި ނާދެވިދާނެ ކަމުގެ ބިރާއެކު، އަވަސް ސިއްހީ ފަރުވާއަށް އިމްރާން ޚާން އެދިވަޑައިގެންފި
ޢިމްރާން ޚާން. ފޮޓޯ: ރޮއިޓާސް
ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަދި އެމަނިކުފާނުގެ އަނބިކަނބަލުން ބުޝްރާ ބީބީގެ ސިއްހީ ހާލުކޮޅު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ، ކުއްލި ސިއްހީ ފަރުވާއަށް އެދިވަޑައިގެންފިއެވެ.
ކުރީގެ މަޝްހޫރު ކްރިކެޓް ތަރި އަދި ތަޙްރީކޭ އިންސާފް (ޕީޓީއައި) ގެ ލީޑަރު އިމްރާން ޚާންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ޤާނޫނީ ވަކީލު ސަލްމާން ސަފްދަރު ޢާންމުކުރެއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، އުމުރުން 74 އަހަރުގައި މެދުކެނޑުމެއްނެތި މިފަދަ ދަތި ޙާލަތެއްގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން ސިއްހީ ހާލު ގޮސްފައި ވަނީ ދިރިހުރެ އެނބުރި ނާދެވިދާނެ ފަދަ ނުރައްކާތެރި ފައްތަރަކަށް ކަމަށެވެ.
އެ ސިޓީގައި އިމްރާން ޚާން ވަނީ، އެމަނިކުފާނުގެ ހިތަށް މިހާރުވެސް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ސިކުނޑިއަށް ލޭއެޅުން ނުވަތަ ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާ ބޮޑު ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ޖަލުގައި އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަނާތު ލޮލުގެ ފެނުން ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް އާއިލާއިން ބުނަމުންދާއިރު، އިމްރާންގެ އަނބިކަނބަލުން ބުޝްރާ ބީބީގެ ލޮލަށް އިތުރު އޮޕަރޭޝަނެއް ނުކޮށްފިނަމަ ލޮލުގެ ފެނުން އެއްކޮށް ގެއްލިދާނެ ކަމުގެ ބިރުވެސް ވަނީ ފާޅުކުރައްވާފައެވެ.
އިމްރާން ޚާން ތުހުމަތުކުރެއްވި ގޮތުގައި އެމަނިކުފާނު ބަހައްޓާފައި ހުންނަނީ ދުވާލަކު 22 ގަޑިއިރު އެކަހެރިކޮށް، އާއިލާއާ ބައްދަލުކުރުމާއި، ފޮތް ކިޔުމާއި ޓީވީ ބެލުން ފަދަ ކަންކަމުން މަހްރޫމްކޮށްފައެވެ. އަދި ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ވަކީލުންނާ ބައްދަލުކުރެވުނީ އެންމެ ހަތަރު ފަހަރު ކަމަށާއި، މިކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނީ ދިރިހުރެވިގެން ކަމަށާއި، ނަމަވެސް އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓިފައިވާ ކަމަށެވެ.
އިމްރާން ޚާންގެ މި ވާހަކަތައް ޕާކިސްތާނު ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. ޕާކިސްތާނުގެ ޕާލަމެންޓަރީ އެފެއާޒް މިނިސްޓަރު ތާރިގް ފަޒަލް ޗައުދަރީ ނޫސްވެރިންނަށް ވިދާޅުވީ އިމްރާން ޚާނަކީ މިވަގުތު ޕާކިސްތާނުގެ ޖަލެއްގައި ހުރި އެންމެ ފުރިހަމަ ޚިދުމަތްތައް ލިބޭ ގައިދީ ކަމަށާއި، ބޭނުންފުޅުވާ ކާނާ ހިމެނޭހެން ހުރިހާ ލުއިފަސޭހަތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އިސްލާމްއާބާދުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ކޮންމެ ހަފްތާއަކު ޑޮކްޓަރުން އެމަނިކުފާނު ބައްލަވައި ހާލުކޮޅު ރަނގަޅު ކަމަށް ނިންމަވާފައިވާ ކަމަށާއި، ލޮލަށް އިންޖެކްޝަނެއް ޖެހުމަށް ސަރުކާރުގެ ހޮސްޕިޓަލަކަށް ގެންދިއުމަށްފަހު އެމަނިކުފާނުގެ ހާލަތު ސްޓޭބަލް ކަމަށް ޑޮކްޓަރުން ކަނޑައަޅާފައިވާ ކަމަށެވެ.
ކޮރަޕްޝަނާއި ދައުލަތުގެ ހަދިޔާ ވިއްކުމުގެ 100 އަށްވުރެ ގިނަ ދައުވާ އުފުލައި، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އިމްރާން ޚާން ހުންނެވީ ޖަލުގައެވެ. އެމަނިކުފާނު ވިދާޅުވަނީ މި ދައުވާތަކަކީ ސިޔާސީ ބޭނުމަށް ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ. 2018 އިން 2022 އަށް ބޮޑުވަޒީރުކަން ކުރެއްވި އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން ބޮޑެތި މުޒާހަރާތައް ކުރަމުންދާއިރު، އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް އެދި ބައިނަލްއަގުވާމީ ކްރިކެޓް ޓީމުތަކުގެ ކުރީގެ ކެޕްޓަނުންވެސް ވަނީ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ގޮވާލައްވާފައެވެ.