ދުނިޔެ
ޚަލީލުގައި ފަލަސްތީނު ރައްޔިތުން ދިރިއުޅޭ އިމާރާތްތަކެއް ތަޅާލުމަށް އިސްރާއީލުން ނޯޓިސް ދީފި
އިޒްރާއިލުން ފޮނުވި ނޯޓަސް. ފޮޓޯ: ޤުދުސް ނެޓްވޯކް
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޚަލީލު (ހެބްރޯން) ގެ އުތުރު ހުޅަނގުގައި އޮންނަ ބިއުރު އަލް މަހްޖަރު ސަރަހައްދުގައި ހުރި 65 އެޕާޓްމަންޓް ހިމެނޭ ދެ ރެސިޑެންޝަލް އިމާރާތަކާއި ވިލާއެއް ތަޅާލުމަށް އިސްރާއީލުގެ ނިރުބަވެރިން ނޯޓިސް ދީފިއެވެ.
އާދީއްތަ ދުވަހު ދިން މި ނޯޓިސްގައި އެ އިމާރާތްތަކުގެ ވެރިފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް ދީފައިވަނީ އެއް ހަފުތާގެ މުއްދަތެކެވެ.
ތަޅާލަން ނޯޓިސްދިން އިމާރާތްތަކުގެ ތެރެއިން އެއް އިމާރާތް ހުންނަނީ އޮސްލޯ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ ސަލާމަތީ އަދި މަދަނީ ބާރު ހިނގާ 'އޭރިއާ އޭ" ގައެވެ. އަނެއް އިމާރާތް ހުންނަނީ އިސްރާއީލުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ 'އޭރިއާ ސީ' ގައެވެ. ނަމަވެސް، ޚަލީލުގެ މުނިސިޕަލް ކައުންސިލް މެންބަރު މުޢައްމަރު އަލް-އުވައިވީ ޤުދުސް ނިއުސް ނެޓްވޯކަށް ވިދާޅުވި ގޮތުގައި، އެ އިމާރާތް ހުރި ބިމަކީ މީގެ ފަސް އަހަރު ކުރިން އިސްރާއީލުން ސަރަހައްދީ އިންތައް ބަދަލުކުރުމާ ހަމައަށް 'އޭރިއާ އޭ' ގެ ބައެކެވެ. މީގެ އިތުރުން ހުޅަނގު ސަރަހައްދުގެ ފަރްޝް އަލް-ހަވާގައި ހަދަމުންދާ އިމާރާތެއްގެ މަސައްކަތް ހުއްޓާލުމަށްވެސް އިސްރާއީލުން ވަނީ އަންގާފައެވެ.
އިސްރާއީލުން މި އިމާރާތްތައް ތަޅާލަން އުޅެނީ މި އިމާރާތްތަކަކީ މުނިސިޕަލްޓީން ދޫކޮށްފައިވާ ރަސްމީ އިމާރާތްކުރުމުގެ ހުއްދައާއި ރަޖިސްޓްރީ އޮތް ތަންތަން ނޫންކަމަށް ބުނެއެވެ. ނަމަވެސް ޚަލީލުގެ މޭޔަރު ޔޫސުފް އަލް-ޖަބަރީ ވިދާޅުވި ގޮތުގައި، މި ދެ އިމާރާތަކީވެސް މުނިސިޕަލްޓީން ދޫކޮށްފައިވާ ރަސްމީ އިމާރާތްކުރުމުގެ ހުއްދައާއި ރަޖިސްޓްރީ އޮތް ތަންތަނެވެ. އޭގެ އިތުރުން ޔަހޫދީ ވަޒަންވެރިން ބޭނުންކުރާ މަގު 'ރޫޓް 35' އާ އެ އިމާރާތްތައް މާ ބޮޑަށް ކައިރި ކަމަށްވެސް އިސްރާއީލުގެ ނިރުބަވެރިން ބުނަމުންދާ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
މި އެޕާޓްމަންޓްތަކުގެ ބޮޑު ބައެއްގައި މީހުން ދިރިއުޅެމުންދާތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އިމާރާތްތައް ތަޅާލައިފިނަމަ 66 އާއިލާއެއްގެ ބޯހިޔާވަހިކަން ގެއްލިގެންދާނެ ކަމަށް އަލް-އުވައިވީ ވިދާޅުވިއެވެ. މިއީ އާންމުންގެ އިންވެސްޓްމަންޓްތަކަކަށް ވާތީ، މީގެ ސަބަބުން ފަލަސްތީނުގެ ކޮންޓްރެކްޓިން ދާއިރާއަށާއި އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލް-އުވައިވީ އިތުރަށް ވިދާޅުވީ، މިއީ އެއްވެސް ސަލާމަތީ ނުވަތަ ޕްލޭނިން ސަބަބެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށާއި، މައިގަނޑު ބޭނުމަކީ ޚަލީލު މުނިސިޕަލްޓީގެ ބާރުތައް ކަނޑުވާލައި އިސްރާއީލުގެ ނިރުބަވެރިންގެ ބާރު ފެތުރުން ކަމަށެވެ. މީގެ ކުރިން އިބްރާހީމީ މިސްކިތް ހިމެނޭ އެޗް2 ސަރަހައްދުގައިވެސް އިސްރާއީލުން ވަނީ މިފަދައިން އަމަލުކޮށްފައެވެ. މި މައްސަލައިގައި ޝަރުއީ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށް މުނިސިޕަލްޓީން ބުނެއެވެ.
މި ނޯޓިސްތައް ދީފައި މިވަނީ ޚަލީލުގައި އިސްރާއީލުގެ ނިރުބަވެރިން ހިންގި 11 ދުވަހުގެ އަސްކަރީ އޮޕަރޭޝަން ނިންމާލިތާ ދެ ހަފުތާވެސް ނުވަނީހެވެ. އޮކްޓޯބަރު 23 ގައި ފެށި އެ އޮޕަރޭޝަނުގައި 780 އާއިލާއެއްގެ 5،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވި އިރު، 15 ގެއަކާއި ވަސީލަތްތައް ތަޅާލައި، 600 އެއްހާ ގެއަށް ގެއްލުންދީ، 327 ފިހާރަ ބަންދުކޮށްފައިވާ ކަމަށް މުނިސިޕަލްޓީން ރިޕޯޓުކޮށްފައިވެއެވެ.