ޚަބަރު
އާމްދަނީއާއި ޖީއެސްޓީއާ ގުޅޭ މުހިންމު ދެ ބިލެއް މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. ފޮޓޯ: މަޖިލިސް އިދާރާ
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާ ކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު، ދިރާސާކުރި ސަބް ކޮމިޓީން ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މީގެ ތެރެއިން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ކޮމިޓީން ފާސްކުރީ 66 މެންބަރުންގެ ވޯޓުންނެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖަޢާކުރުމެވެ. އެގޮތުން، އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތެއްގެ ޓެކް-އެބިޓްޑާގެ 25 އިންސައްތަ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ.
މި އިޞްލާޙަށް ޢަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ 1 ޖެނުއަރީ 2027 އިން ފެށިގެންނެވެ. މި ބަދަލު ތަންފީޒުކުރަން ފެށުމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ލަފާކޮށްފައިވާއިރު، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496,300,302 ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
މީގެއިތުރުން، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ބިލުވެސް ސަބް ކޮމިޓީން ނިންމި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މި ބިލަކީ ޓެކުހަށް މަކަރު ހެދުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ގިނަ ޢަދަދެއްގެ ފައިސާ ނުލިބިވާތީ، އެކަމަށް ޙައްލެއް ހޯދުމަށާއި ޖީއެސްޓީ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް ހުށަހެޅި ބިލެކެވެ.
ހަމައެއާއެކު، ވިޔަފާރިތަކަށް ދަތިވާ ގޮތަށް މިހާރު ޤާނޫނުގައި ހުރި ބައެއް ކަންކަން އުނިކުރުމާއި، އިންބައުންޑް ޓޫރިޒަމަށް ހުރި ހުރަސްތައް ނައްތާލައި ރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމަކީ މި ބިލުގެ މުހިންމު މަޤްޞަދެއްކަން މެންބަރުން ފާހަގަކުރެއްވިއެވެ.