ޚަބަރު
ސިވިލް ކޯޓާއި ހައި ކޯޓަށް ފަނޑިޔާރުން ހޯދަނީ
ހައިކޯޓު
ސިވިލް ކޯޓާއި ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ގެޒެޓުގައި ކޮށްފައިވާ އިއުލާނުގައިވާގޮތުން ސިވިލް ކޯޓުގެ ފަނޑިޔާރަށް މުސާރައިގެ ގޮތުގައި 37،700 ރުފިޔާ ކަނޑައަޅާފައިވާއިރު ލިވިން އެލަވަންސް ގެ ގޮތުގައި 18،000 ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި ރިސްކު އެލަވަންސް ގެ ގޮތުގައި 3،300 ރުފިޔާގެ އިތުރުން، ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެއެވެ. ހައިކޯޓުގެ ފަނޑިޔާރަށް އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 45،700.00 ރުފިޔާ އެވެ. ލިވިން އެލަވަންސް ގެ ގޮތުގައި 18،000.00 ރުފިޔާ ކަނޑައަޅާފައިވާއިރު ރިސްކު އެލަވަންސް ގެ ގޮތުގައި 3،300.00 ރުފިޔާ ގެ އިތުރުން މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކަކީ:
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
- ގާނޫނުލްއުބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަހްލާގީ އަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން
- އުމުރުން 25 (ފަންސަވީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
- އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން
- ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކަކީ:
- އިސްލާމްދީނުގެ އަސާސްތަކަށް އީމާންވާ މުސްލިމަކަށް ވުމާއެކު ދިވެހި ރައްޔިތަކު ކަމުގައިވުން
- މީލާދީ ގޮތުން އުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
- ބުއްދި ސަލާމަތުން ހުރުމާއެކު، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން
- ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
މި ދެ ކޯޓުގެ ފަނޑިޔާރުކަމަަށް ކުރިމަތިލުމުގެ ސުންގަނޑި އަކީ 25 ނޮވެމްބަރު 2026 ވަނަ ދުވަހުގެ 12:00 އެވެ.
ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާނު ކުރީ ކުރިން އެ މަގާމުގައި ހުންނެވި ގާޒީ އަބްދުﷲ އިހުސާން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އޭނާ ވަކި ކުރުމަށް ޖޭއެސްސީން ނިންމާފައިވަނިކޮށެވެ. އަދި ހައިކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ހައި ކޯޓިގެ ފަނޑިޔާރުކަމުގެ މަގާމުން އިބްރާހިމް މާހިރު އެ މަގާމުން ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.