ޚަބަރު
ރިއަލް އެސްޓޭޓް ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް އުނިކަމެއް ނާންނާނެ: މެންބަރު ޝުޖާއު
އެމްޕީ ޝުޖާއު/ފޮޓޯ: މަޖިލިސް
ރިއަލް އެސްޓޭޓް ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ހުށަހަޅުއްވާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގެ އިބްތިދާއީ ބަހުސްގައެވެ. މި ބަހުސް ގައި ސުޖާއު ވިދާޅުވީ މި ބިލަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބާރު ކެނޑޭނެ ގޮތަކަށް އެކުލަވާލާފައިވާ ބިލެއް ނޫން ކަމަށެވެ. އަދި މި ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
"ރާއްޖޭގެ ބިމަކީ ބޭރުގެ އެއްވެސް ބަޔަކަށް މިލްކުކުރެވޭނެ އެއްޗެއް ނޫންކަން އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް ވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. މި ބިލުގެ ދަށުން އެއްވެސް ޒަޔަނިސްޓަކަށް ދިވެހިރާއްޖެއިން ޕްރޮޕަޓީ ނުގަނެވޭނެކަން، ވަރަށް ސާފުކޮށް މި ބިލުގައި ބަޔާންކޮށްފައިވޭ."
ޝުޖާއު ވިދާޅުވިއެވެ.
މި ބިލުގެ އަށްވަނަ ބާބުގައި 99 އަހަރަށް ވުރެ ދިގު މުއްދަތަކަށް ބިން ދޫނުކުރެވޭނެކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި މިއީ މިހާރުވެސް ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލެއްކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ބިދޭސީންނަށް މިލްކުވާ ގޮތަށް ބިން ވިއްކުމުގެ އެއްވެސް ޖާގައެއް މި ބިލުގައި ނެތްކަން ފާހަގަކުރައްވައި ޝުޖާއު ވަނީ ރަސްމާލޭގައި ޒަޔަނިސްޓުން ވަޒަންވެރިވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ދޮގުވާހަކަތަކެއް ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ސުޖާއު ވިދާޅުވީ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން ބޭރުގެ އިންވެސްޓަރުން ތަރައްގީކުރާ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓާނީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށް ބިލުގައި ބަޔާންކޮށްފައިވާ ކަމަށާއި އެ ތަންތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ޑިވެލޮޕަރުން ކަމަށް ބުނެ، ރައްޔިތުންނަށް ހަގީގަތް އޮޅުވާނުލުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާކަމަށެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި